ކުރިއަށް އޮތް ޕްރެމިއާ ލީގުގެ އާ ސީޒަނަކީ ލިވަޕޫލުން ކާމިޔާބު ކުރަންޖެހޭ ސީޒަނެއް ކަމަށް މެންޗެސްޓާ ޔުނައިޓުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ލިވަޕޫލާ އެންމެ ވާދަވެރި ޓީމުގެ ކޯޗު މިހެން ބުނީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި މޮޅު ކުޅުންތެރިން ގަތުމަށް ލިވަޕޫލުން 250 މިލިއަން ޕައުންޑް ހޭދަކޮށްފައިވާތީ އެވެ.
"އަހަރެން ނުދެކެން (އާ ސީޒަނަށް) އެހެން ޓީމަކުން އެވަރަށް އިންވެސްޓް ކުރިތަނެއް. ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޓީމު (ލިވަޕޫލް) ވާނީ ޕްރެމިއާ ލީގު ކާމިޔާބު ކުރަން ނުކުންނަ ރޭހުގެ އެންމެ ބޮޑު ކެންޑިޑޭޓަށް. (ކުރި ހޭދައާ އަޅާބަލާއިރު) ލިވަޕޫލް ޕްރެމިއާ ލީގު ކާމިޔާބު ކުރަން ޖެހޭ،" ޗެލްސީއަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައިވާ މޮރީނިއޯ ބުންޏެވެ.
އޭނާގެ މި ވާހަކަތަކަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދީފައިވަނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ މޮރީނިއޯ ހިތް އުފާކޮށްދިނުމާއި، ޔުނައިޓެޑާ މެދު އޭނާގެ ޝައުގެއް ނެތް ކަމަށެވެ.
"(ސުވާލަކީ ޕްރެމިއާ ލީގު ނުލިބިއްޖެނަމަ) އެކަން ނުވެއްޖެނަމަ އަހަރެން ވަޒީފާއިން ވަކިކުރާނެއޭތަ؟ ހަމަ ޔަޤީން އަހަރުމެން ކޮންމެ މީހަކީ ކުލަބަށާއި ކުލަބުގެ ވެރިންނާއި ސަޕޯޓަރުންނަށް ޖަވާބުދާރީވާންޖެހޭނެ މީހެއް. އަހަރެން އެންމެ ފުރަތަމަ ބޭނުންވަނީ އަހަރުމެންގެ ސަޕޯޓަރުން އެދޭފަދަ މޮޅު ކުޅުމެއް ކުޅެން،" ކްލޮޕް ބުންޏެވެ.
ނަމަވެސް އޭނާ ވަނީ މީގެ ކުރިން ނުސީދާކޮށް ތަށި ހޯދާ ވާހަކަ ދައްކާފައެވެ.
ކްލޮޕް ގަނެފައިވާ ކުޅުންތެރިންނަށް ބަލާއިރު އެންމެ އަގުބޮޑުކޮށް މިހާތަނަށް ގޯލްކީޕަރަކާއި ޑިފެންޑަރެއް ގަނެފައިވަނީ ވެސް އޭނާ އެވެ.