ޚަބަރު

އަލް ޙަރަމައިން ގުރޫޕުގެ ޙަވާލުގައި ޙައްޖަށް ދާ މީހުން މިއަދު ފުރަނީ


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުންގެ ގެންދާ ގުރޫޕުތަކުގެ ތެރެއިން އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ޙައްޖަށް ދާ މީހުން މިއަދު ފުރާނެކަމަށް އެޖަމާޢަތުން ބުނެފިއެވެ.

އަލް ޙަރަމައިނުން ބުނީ އެޖަމާޢަތުން ޙައްޖަށް މީހުން ގެންދަން ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކަމަށެވެ. މި ދެ ގުރޫޕުން މިރޭ ނުވަދިހަ ހަމީހުން ޙައްޖަށް ފުރަން ހަމަޖެހިފައިވާއިރު، އަލް ޙަރަމައިންގެ އެޑްވާންސް ޓީމް މީގެކުރިން ފުރާފައިވާކަމަށް އެޖަމަޢާތުން ބުނެއެވެ. އަލް ޙަރަމައިންގެ ޙައްޖުވެރިންނަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާކުރެވެނީ މިރޭ ފަތިހު ފަސްގަޑި ތިރީސްހާއިރުކަމަށާއި، އެޖަމާޢަތުން ޙައްޖަށްދާ ފަރާތްތަކުން މައްކާ އާއި މަދީނާގައި ތިބުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެޖަމަޢަތުން ބުނެއެވެ.

މީގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕުން ޙައްޖަށް ގެންދަން ހަމަޖެހިފައިވާ ނުވަދިހަ ހަތް މީހުން މާދަމާ ފުރާނެކަމަށް އެޖަމާޢަތުން ބުނެއެވެ. މިއަހަރު ތަޒްކިޔާ ޙައްޖު ގުރޫޕުން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ހަތްދިހަ މީހުން އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ފުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ވީއައިޕީ ފެންވަރުގައި ޙައްޖަށް ގެންދާ އެއްތިރީސް މީހުން އޮގަސްޓް މަހުގެ ފަނަރަވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާކަމަށް އެޖަމާޢަތުން ބުނެއެވެ.

މިފަހަރު ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ދިނީ 1000 ހައްޖު ކޯޓާ އެވެ. މީގެ ތެރެއިން ފުރަތަމަ ގްރޫޕް މިމަހުގެ އަށާވީސްވަނަ ދުވަހު ވަނީ ފުރާފައެވެ. އެއީ ޒައީ ޙައްޖު ގުރޫޕުގެ ޙަވާލުގައި ޙައްޖަށް ދިޔަ އަށްޑިހަ އަށް މީހުންނެވެ.

ޙައްޖު ކޯޕަރޭޝަނާއި އިތުރު 4 ގުރޫޕަކުން މިފަހަރު މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޒަޢީ ގުރޫޕާއި، އަލް ޙަރަމައިންގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕާއި ތަޒްކިޔާ ޙައްޖު ގުރޫޕް ހިމެނެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް މިނާއާއި ޢަރަފާތުގައި ބޭނުންކުރުމަށް ފެންވަރު ރަނގަޅު ޓެންޓް ހޯދުމަށާއި މިނާގެ ޓެންޓްތަކުގައި ކޮންމެ ޙާޖީއަކަށް އެނދެއް ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާބެހޭގޮތުން ރާއްޖެއިން ވަނީ ސައުދީއާއެކު މަޝްވަރާކޮށްފައެވެ.