ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހާއި އަދި ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުން ކުލަ ގަދަކޮށް މެލޭޝިއާގައި ފާހަގަކޮށްފިއެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ކުއާލަލަމްޕޫރުގެ ޖޭ ޑަބްލިޔު މެރިއޮޓް ހޮޓެލްގައި ބޭއްވި މި ޙަފުލާ ޝަރަފުވެރިކޮށްދެއްވީ މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ނާއިބުރައީސް ތުއާން ޔަ ކޮ މިންގ އެވެ. މި ހޙަފުލާގައި މެލޭޝިއާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިންނާއި، އެޤައުމުގައި ހުންނަ ދުނިޔޭގެ ބައެއް ޤައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ބޭފުޅުންގެ އިތުރުން އެޤައުމުގެ ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވެފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސެޑަރ އަލްއުސްތާޒާ ޣާނިޔާ އަބްދުލް ޤަފޫރު ވިދާޅުވީ، މި ވޭތުވެދިޔަ ފަސް އަހަރަކީ މެލޭޝިއާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެގެންދިޔަ ފަސް އަހަރުކަމަށެވެ.
ޑެޕިއުޓީ އެމްބަސެޑަރ ޣާނިޔާ ވިދާޅުވިއެވެ
މި ހަފުލާގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ވަނީ ތަފާތު އައިޓަމްތައް ހުޅައަޅައިދީފައެވެ. މީގެއިތުރުން މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި އަޙުމަދު ނަޒީހާއި ރާއްޖޭގެ ކުޅަދާނަ މިއުޒިކް އާޓިސްޓް އަޙުމަދު ފަސީހުގެ ހުޅައެޅުންތައް ފެނިގެން ގޮސްފައިވެއެވެ.
މި ހަފްލާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ދިވެހި އެމްބަސީން ބުނެއެވެ. މިހަފްލާގައި ބައިވެރިވި ބައެއް ދިވެހިން ބުނީ މިފަދަ ހަރަކާތްތައް އެމްބަސީން އިންތިޒާމް ކޮށްގެން ބޭއްވުމަކީ ހުރިހާ ދިވެހިން އެއްތަނަކަށް އެއްވެ ގުޅުން ބަދަހިކޮށްލަން ލިބޭ ރަނުގެ ފުރުޞަތެއްކަމަށެވެ. މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ގެންދަނީ މިފަދަ އެތައް ހަރަކާތްތަކަށް ދިވެހިންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ. މީގެތެރޭގައި ޤުރުއާން މުބާރާތްތަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތައް ފާހަގަކޮށްލެވެއެވެ.