ކުޅިވަރު

ވަރލްޑްކަޕް ކުޅުނު ރެއާލްގެ ތަރިން ދެއިރު ޕްރެކްޓިހަށް ނެރެނީ


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ރެއާލް މެޑްރިޑުގެ ކުޅުންތެރިން ދެ އިރު ޕްރެކްޓިސް ކުރުވާ ގޮތަށް ކޯޗު ހޫލިއަން ލެޕޮޓީގުއި ނިންމައިފިއެވެ.

ޓީމާ އަލަށް ހަވާލުވި ސްޕޭނުގެ ކުރީގެ ޤައުމީ ކޯޗު ބުނީ މި ގޮތަށް ނިންމީ މިހާތަނަށް ޗުއްޓީގައި ތިބި ކުޅުންތެރިން ވީ އެންމެ އަވަހަށް ފިޓްކުރުމަށް ކަމަށެވެ.
ވަރލްޑް ކަޕް ކުޅުނު ކުޅުންތެރިންގެ ތެރެއިން މިވަގުތު ޓީމާ ގުޅިފައިވަނީ ކޮސްޓަރިކާގެ ކީޕަރު ކޭލާ ނަވާސް އާއި ޖަރުމަނުގެ ޓޯނީ ކްރޫސް އާއި ސްޕޭނުގެ ނަޗޯ އާއި މާކޯސް އަސެންސިއޯ ލޫކަސް، ޑެނީ ކަވަހާލް އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް އާއި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ކުޅުންތެރިންނާއި ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާ ޓީމުގެ ކުޅުންތެރިން އަދި ތިބީ ޗުއްޓީގައެވެ.

މެޑްރިޑް މިހާރު ވަނީ އާ ސީޒަނަށް ތައްޔާރުވުމަށް އެމެރިކާގައެވެ. މި ގޮތުން އެކުވެރިކަމުގެ ތިން މެޗު ކުޅެން ހަމަޖައްސާފައިވާއިރު ކޯޗު ބޭނުންވަނީ މި މަހުގެ 15 ވަނަ ދުވަހަށް ވަރލްޑް ކަޕް ކުޅުނު ކުޅުންތެރިން ފިޓްވާށެވެ. އެއީ ސުޕަ ކަޕްގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.