ކ. އަތޮޅު ގުރައިދޫގައި ހުންނަ ދޮށީ އުމުރުގެ މީހުންގެ މަރުކަޒަށް އެހީތެރިވެދިނުމުގެ ގޮތުން މަލަހިނި ބަޑޮސް ރިސޯޓާއި އެލައިޑް އިންޝުއަރެންސްއާއި އެސްބީއައި ގުޅިގެން ބާއްވާ "ފަން ރަން" ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
މުޖުތަމައުގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި މަލަހިނި ރިސޯޓުން ރާވާ ސޭންޑީ މިޝަން - ފަން ރަން މެރަތަންގެ ސްޕޮންސަރއަކީ އެލައިޑް އިންޝުއަރެންސްއާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ. މިއީ މަލަހިނި، އެލައިޑް އަދި އެސްބީއައި ގުޅިގެން ހިންގާ ދެވަނަ ފަން ރަން ހަރަކާތެވެ. މަލަހިނި ރިސޯޓުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ސީއެސްއާރުގެ ދަށުން، އެރިސޯޓުގެ 2ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ. މިއަހަރު މިހަރަކާތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ދޮށީ އުމުރުގެ މީހުންގެ މަރުކަޒަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށެވެ.
މިހަރަކާތާބެހޭ މަޢުލޫމާތު ދިނުމަށް މަލަހިނި ރިސޯޓުގައި އޮތް ބައްދަލްވުމުގައި ވާހަކަ ދައްކަމުން ރިސޯޓުގެ ރެޒިޑެންޓް މެނޭޖަރ މުޙައްމަދު އީސާ ވިދާޅުވީ މިހަރަކާތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވިދާނެކަމަށެވެ. އަދި މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއްވެސް ބޭނުންކުރާނީ ގުރައިދޫގައި ހުންނަ ސެންޓަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ.
"މީގެ މަޤްސަދަކީ އަޅުގަނޑުމެންގެ ބައިވެރިންނާއެކު ބައިވެރިވެގެން ފަންޑް ރައިޒްކޮށް، މުޖުތަމައުގައި ބޭނުންޖެހިފައި ތިބި ކޮންމެސް ފަރާތަކަށް އަޅުގަނޑުމެންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުން. މިގޮތުން މިދިޔަ އަހަރު އަޅުގަނޑުމެން މީގައި އެހިވީ ކުޑަކުދިން ހިޔާއަށް. މިއަހަރު އަޅުގަނޑުމެންގެ 2 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގުރައިދޫގައި ހުންނަ ސެންޓަރަށް އެހީތެރިވުމަށް މިހަރަކާތް މިހިންގަނީ" މުޙައްމަދު އީސާ ވިދާޅުވިއެވެ.
އެލައިޑް އިންޝޯރަންސް ކުންފުނީގެ މެނޭޖަރ މާރކެޓިން، ނިއުޝާދު ޝަރީފު ވިދާޅުވީ މިހަރަކާތް ސްޕޮންސަރކުރާ މިއީ ދެވަނަ އަހަރު ކަމަށާ، މިއީ އެކުންފުނީގެ ޕްރިމިއަމް ފޮރ ގުޑް ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މުޖުތަމައުގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަޤްސަދުގައި ބައިވެރިވާ ހަރަކާތެއްކަމަށެވެ.
"އަޅުގަނޑުމެން ޕްރިމިއަމް ފޮރ ގުޑް ޕޮލިސީ، އަޅުގަނޑުމެން މިބުނާ ރެޑިއުސިން އިންއީކުއާލިޓީޒްކަހަލަ އެސްޑީޖީ ގޯލްސް އެޗީވް ކުރެވޭ މިކަހަލަ މިޝަންއަކުން. މިމިޝަނުން ހާޢްސަކޮށް، މިފަހަރުވެސް މިދަނީ މިކަމުގެ ބެނުންޖެހިފައިވާ ފަރާތަކަށް އެހީތެރިވާން" ނިއުޝާދު ވިދާޅުވިއެވެ.
ފަން ރަން ހަރަކާތުގައި ބައިވެރިވުމަށް 300 ޖާގަ ކަނޑައަޅާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވެވޭނީ މިކަމަށް ޚާއްޞަ ޓީޝާޓެއް ގަނެގެންނެވެ. މިޓީޝާޓުގެ އަގަކީ 300 ރުފިޔާއެވެ. މިހާތަނަށް 300 ޓީޝާޓުގެ ތެރެއިން 250 ޓީޝާޓު ވަނީ ވިކިފައެވެ. ދުވުމުގެ ހަރަކާތް ކުރިޔަށްދަނީ އަންނަ ހުކުރުދުވަހުގެ ހަވީރު 4 އިން ފެށިގެން 5:00 އަށް މަލަހިނި ބަޑޮސް ރިސޯޓުގައެވެ. މިހަރަކާތުގައި މުޅި ރިސޯޓު ވަށާ އެއް ގަޑިއިރުތެރޭގައި ދުވެގެން ނުވަތަ ހިނގައިގެންވެސް ބައިވެރިވެވޭނެއެވެ. މިހަރަކާތުގައި ބައިވެރިވުމަށް މިކަމަށް ޚާއްޞަ ފޭސްބުކް ޕޭޖުގައި ހުރި ނަންބަރުތަކަށް ގުޅައިގެނާ، މެސެޖްކޮށްގެން މިކަމާބެހޭ އިތުރު މައުލޫމާތު ލިބޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
މަލާހިނި ރިސޯޓް، އެލައިޑް އަދި އެސްބީއައިއިން މިދިޔަ އަހަރު ބޭއްވި ހަރަކާތުން ލިބުނު ފައިސާއިން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައިވަނީ މެޑިކަލް ސެންޓަރަކާ، ވިޒިޓިން އޭރިޔާ އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްފައެވެ. މިފަހަރުގެ އަމާޒަކީވެސް ގުރައިދޫގައި ހުންނަ ސެންޓަރަށްވެސް ވީހާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށް މަލަހިނި ބަޑޮސް ރިސޯޓުން ބުނެއެވެ.