ޚަބަރު

ބެންކޮކް ހޮސްޕިޓަލާ އައި.ޖީ.އެމް.އެޗާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރަނީ


 


 


ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލާއެކު މަޝްވަރާކުރައްވައިފިއެވެ.


 
މިމަޝްވަރާތައް ކުރައްވާފައިވަނީ ހެލްތް މިނިސްޓްރީ އޮފް ހެލްތް ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެ ވަޑައިގެން ހުންނެވި ޑިފެންސް މިިނިސްޓަރ ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް މިހާރު ބެންކޮކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.


މިދަތުރުފުޅުގައި ބެންކޮކް ހޮސްޕިޓަލްގެ ސީނިއަރ މެނޭޖްމަންޓާއި އެތަނުގެ ޑައިރެޓަރުންނާއި މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ.


 
މިބައްދަލުވުމުގައި ރާއްޖޭގައި ދެމުން ގެންދާ ސިއްޙީ ޙިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމާއި، އައި.ޖީ.އެމްއެޗާ ސެނަހިޔަ ހޮސްޕިޓަލަށް ބޭނުންވާ ސިއްޙީ އިކުއިޕްމެންޓްތަކާއި އާލާތްތައް ހޯދުމާއި، ބަލި މީހުންނަށް ބޭނުންވާ އެންމެހައި ބޭސްތައް ހުސްނުވެ ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ޤާއިމުކުރުމާއި ބެހޭގޮތުންނާއިހެލްތް ކްލިނިކް ޚިދުމަތްތައް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުންނާއި އަދި ރާއްޖެއިން ލިބެން ނުހުންނަ ސިއްޙީ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ބެންކޮކް ހޮސްޕިޓަލުންް ދެވޭނެގޮތް ހަމަޖެއްސުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


 
މީގެ އިތުރުން އައި.ޖީ.އެމް.އެޗުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގައި ޓެލެމެޑިސިން ޚިދުމަތްްތަކުގެ ފެންވަރު ރަގަޅުކުރުމާއި އަދިރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލާ އައި.ޖީ.އެމް.އެޗް އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައިވެއެވެ.


 


މިމަޝްވަރާތަކަށްފަހު އެކުލަވާލުމަށް އެއްބަސްވެވުނު އެމް.އޯ.ޔޫގައި ސޮއިކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލްގެ ސީނިއަރ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރައްވާގޮތަށްް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މަޢްލޫމާތު ދެއްވައެވެ. އަދި  ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވެފައިވާ ދާއިރާތަކަށް ބެންކޮކް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ޑެޕިޔުޓޭޝަން އުޞޫލުން ރާއްޖޭގައި މަސައްކަތް ކުރެއްވުމަށް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިިފައިވާ ކަމަށްވެސް އެމިންސްޓްރީން މަޢްލޫމާތު ދެއްވައެވެ.