ޚަބަރު

އައިލެންޑް އޭވިއޭޝަނުން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


އައިލެންޑް އޭވިއޭޝަނުން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރަމްޟާން މަހަށްފަހު ހަރޯދައިގެތެރޭގައި އައިލެންޑް އޭވިއޭޝަނުން ބޭއްވި މިމުބާރާތަކީ އައިލެންޑް އޭވިއޭޝަންގެ އެކިއެކި ޑިޕާންޓްމަންޓްތަކަށާއި އަދި ތުއްތު ކުދިންނަށް ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.

މިމުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޚާއްސަ ވަނަތަކަށް އައި ކުދިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން އަޙުމަދު ޝަފީޢުއެވެ. މި މުބާރާތުން 1 ވަނައަށް އައި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ އިނާމް ހުށައަޅުއްވާފައެވެ.

މުބާރާތުގެ 8 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ އަކްމަލް އަޖުވަދު ޢަލީއެވެ. މި އުމުރުފުރައިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ މަލްކާ މުޙައްމަދު ހަބީބާއި، އަޙުމަދު ޝައިހާން މުޙައްމަދެވެ. އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން 30 އަހަރުން ދަށުގެ މުވައްޒަފުންގެ ތެރެއިން 1 ވަނަ ހޯދީ ކޮމާޝަލް ޑިޕާޓްމަންޓްގެ އާމިނަތު އައިނާއެވެ. މުޅި މުބާރާތުން އެއްވަނަ ޑިޕާޓްމަންޓަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓެވެ.

މީގެއިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް އިނާމު ދިނުމުގެ އިތުރުން، ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 10 ދަރިވަރުން ފާހަގަކޮށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމަނުން އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން އަޙުމަދު ޝަފީޢު ވިދާޅުވީ، މިފަދަ މުބާރާތްތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކީވެސް ވަރަށް މުހިންމު ކުއްޖެއްކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ މަޤްޞަދަކަށް ވާންވާނީ ވަނަވަނަ ހޯދާ ކުދިންގެ ތެރެއިން އެންމެ މޮޅު ކުއްޖެއް ފާހަގަކުރުން ނޫންކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި މި މުބާރާތް އިތުރަށް ފުޅާ ކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި އަހަރުން އަހަރަށް މި މުބާރާތަށް ލިބޭ ތަރުހީބު އިތުރު އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.