ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އިޓާލިއަން ލީގުގެ މަޤުބޫލުކަން އިއާދަކުރެވޭނެ: ރޮނާލްޑޯ


ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުން އިޓަލީގެ ފުޓްބޯޅައަށް އެތައް ގޮތަކުން ފައިދާވާނެ ކަމަށް ބްރެޒިލް މަޝްހޫރު ރޮނާލްޑޯ ބުނެފިއެވެ.

ދެ ފަހަރު ބްރެޒިލަށް ވަރލްޑް ކަޕް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ ފަސް ސީޒަނެއްގައި އިންޓަރމިލާނަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔޫއޭފާ ސުޕަ ކަޕް ކާމިޔާބުކޮށް، އިންޓަމިލާނުގައި ހުރެ ދެ ފަހަރު ބެލޮންޑީއޯ އެވޯޑްވެސް ހޯދައިފައެވެ. ރޮނާލްޑޯ އިންޓައަށް ކުޅުނު ދުވަސްވަރަކީ އިޓާލިއަން ލީގުގެ އެންމެ އަލިގަދަ ދުވަސްވަރެވެ. އޭނާއާއެކު އިޓާލިއަން ލީގުން ފެނުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސްގެ ޒައިނުއްދީން ޒިދާނާއި، އޭސީމިލާނުގެ އަންދްރޭ ޝެވްޗެންކޯ އާއި ޕައުލޯ މަލްޑީނީ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

"މިފަހަކަށް އައިސް އިޓާލިއަން ލީގު އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި. އެކަމަކު (ކްރިސްޓިއާނޯ) ރޮނާލްޑޯ އެލީގަށް އައުމަކީ އިޓާލިއަން ލީގު އަލުން އަރައިގަތުމަށް ލިބޭ ފުރުސަތެއް. އޭނާގެ ކުޅުމުގެ ފެންވަރަށް ބަލާއިރު މިއީ އަލުން ލީގުގެ ފޯރި ގަދަކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު. މީގެ ސަބަބުން މޮޅު އެހެން ކުޅުންތެރިން ވެސް މި ލީގަށް އައުމަށް ބާރުލިބޭނެ،" ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ އިތުރުން އިންޓަމިލާނާ ވާދަވެރި އޭސީ މިލާނަށް ވެސް ކުޅުނު ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ 100 މިލިއަން ޕައުންޑަށް ޔުވެންޓަސްއަށް ގެންދިޔައިރު ވަރލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ކްރޮއޭޝިޔާގެ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގަތުމަށް އިންޓަމިލާން ދަނީ މަސައްކަތް ކުރަމުންނެވެ.

"އިންޓަރމިލާން އެވަނީ އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި. އަހަރެން އުއްމީދު ކުރަނީ އިންޓަރގެ އުއްމީދުތަކާ ހަމައަށް މި ސީޒަނުގައި ދެވޭނެ ކަމަށް. މޮޅު ހުރިހާ ކުލަބުތަކުން ވެސް އަންނަނީ ޓީމު ވަރުގަދަ ކުރަމުން. އިންޓަރވެސް އެމަސައްކަތް ކުރަމުން އެދަނީ. މޮޑްރިޗް އަކީ މޮޅު ކުޅުންތެރިއެއް. އަހަންނަށް އަދި ޔަޤީނެއްނޫން ދެ ކުލަބުން އޭނާއާ ބެހޭ ގޮތުން މަޝްވަރާކުރާ ކަމެއް،" ރޮނާލްޑޯ ބުންޏެވެ.