ކުޅިވަރު

ލިއޮނާޑޯއާއެކު މަލްޑިނީ އާއި ކަކާ ވެސް އޭސީ މިލާނަށް


ބްރެޒިލްގެ ލިއޮނާޑޯއާއެކު ކުލަބުގެ ކުރީގެ ތަރިން ކަމަށްވާ ކެޕްޓަން ޕައުލޯ މަލްޑިނީ އާއި، ކަކާ ވެސް އޭސީ މިލާނާ ގުޅެން ނިންމައިފިއެވެ.

މިލާނުގެ އާ މެނޭޖްމަންޓުން ކުލަބަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކުރީގެ ކުޅުންތެރިންނަށް ކުލަބު ހިންގުމުގެ އަމަލީ ރޯލުތައް ދިނުން ހިމެނެއެވެ.
މިލާނުގެ މިހާރުގެ ޓެކްނިކަލް ޑައިރެކްޓަރަކީ ކުރީގެ މިޑްފީލްޑަރު ލިއޮނާޑޯއެވެ. އޭނާގެ ބެލުމުގެ ދަށުން މަލްޑިނީ އާއި ކަކާ ކުލަބާ ކުޅެނީ ޑިރެކްޓަރުންގެ ގޮތުގައެވެ.
ކުލަބުގެ ފުރަތަމަ ޓީމާއި އެކަޑަމީ އާއި ޓްރާންސްފާ މާކެޓުގައި މަލްޑިނީ ހަރަކާތްތެރިވާނެއެވެ.

"އަހަރެންނަށް މިލާނުގެ ކޮންސެޕްޓް މެނޭޖްމަންޓުންނާއި ލިއޮނާޑޯ ވަނީ ދައްކާފައި. އަހަރެން އެ ޕްރޮޖެކްޓް ޤަބޫލުކުރަން. ލިއޮނާޑޯ އަކީ ތަފާތު ގެނެވިދާނެ މީހެއް. އަހަރުމެން (ތިން މީހުންނަކީ) ރަހުމަތްތެރިން. އަހަރުމެންނަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހޯދިދާނެ،" މިލާނަށް 25 އަހަރު ކުޅެދިން ކުރީގެ ކެޕްޓަން މަލްޑިނީ ބުންޏެވެ.

ކަކާ މިލާނާ ގުޅެނީ ހިލޭ ސާބަހަށެވެ. އޭނާ ބުނީ ލިއޮނާޑޯ އެދުމުން މިލާނަށް ދިއުމަށް ޝައުގުވެރިވި ކަމަށާއި، ކުލަބާއެކު މަސައްކަތްކޮށް ގިނަ ކަންތައްތަކެއް ދަސްކުރަން އޭނާގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުލަބު މިލާން މިފަހުން ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. މި ގޮތުން މިއަހަރު ކުޅެން ޖެހިފައިވަނީ ޔޫރޮޕާ ލީގުގައެވެ.