މިއަހަރު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގުރޫޕު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރައިފިއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުންގެ ތެރެއިން މިއަދު ފުރި ޙައްޖު ގުރޫޕުގައި ފުރާފައި ވަނީ ތިންސަތޭކަ ނުވަދިހަ އަށް ޙައްޖާޖީންނެވެ.
ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެކޯޕަރޭޝަނުގެ ޙަވާލުގައި ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ދެވަނަ ގުރޫޕު ފުރާނީ އަންނަ އާދީއްތަ ދުވަހުކަމަށެވެ. އެދުވަހު ފުރާ ޙައްޖު ގުރޫޕުގައި ސަތޭކަ ނުވަދިހަ ހަތް މީހަކު ފުރާނެއެވެ.
އެކޯޕަރޭޝަނުގެ ފަރާތުން އެންމެ އިސްކޮށް ވަޑައިގަންނަވަނީ ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުއެވެ.
މިއަހަރު ޙައްޖު މޫސުމަށް ވެފައިވާ ތައްޔާރީތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ޙައްޖު ކޯޓާ ސަޢުދީ ސަރުކާރުން ދެއްވަނީ އެޤައުމެއްގެ އާބާދީއަށް ބައްލަވައިގެން ކަމަށެވެ. އެހެންކަމުން އާބާދީއަށް ބަލައިގެން ރާއްޖެއަށް ކޯޓާ ދޭނަމަ ރާއްޖެއަށް ލިބޭނީ ހަތަރު ސަތޭކަ ކޯޓާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެފައި ސަޢުދީއާއި އޮތް ގުޅުން ވަރުގަދަ ވުމުގެ ސަބަބުން ރާއްޖެއަށް ދެހާސް ކޯޓާ ހަމަޖެހިގެން ދިއުމަކީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ޝެއިޙް ރަޝީދު ވިދާޅުވިއެވެ.
"ކުރީގަ ޙައްޖުގެ ކަންކަން ހަމަޖެއްސުމަށް މަސްދުވަސްކުރިން އެކޮޅަށް ގޮސްގެން އެތައް މަސައްކަތެއް ކުރަންޖެހޭ. އެކަމަކު އެތައް ސަތޭކަ ބައެއްގެ ކަންކަން މިއަދު މިހަޖައްސަނީ ޤައުމުގައި ތިބެގެން ޙައްޖު ސިސްޓަމް ބޭނުންކޮށްގެން،" އޭނާ ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ފުރަތަމަ ގުރޫޕް މިއަދު ފުރާފައިވާއިރު މިއަދު ފުރި ޙައްޖާޖީންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ ބައްދަލުކުރައްވާފައެވެ.