ކުޅިވަރު

މޮޅަކުން ފަށައި ޔުނައިޓެޑްގެ ޓާގެޓް ދެ ވަނަ އަށް


ރޭ ފެށި އިނގިރޭސި ޕްރެމިއާ ލީގު މޮޅަކުން ފެށި ނަމަވެސް ދެ ވަނާގައި ނިންމާލެވުނަސް އެއީ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.
ކޯޗު ހޯސޭ މޮރީނިއޯ މިހެން ބުނީ އޭނާ ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ނުގެނެވި ލީގު ކުޅެން ޖެހުމުންނެވެ.

"އެހެން ޓީމުތައް ވަރަށް ވަރުގަދަ ކޮށްފި. އަހަރެންގެ ޓީމު އޮތީ ވަރަށް ނިކަމެތިކޮށް. ތިބި ބަޔަކާއެކު އަހަރުމެން މިޖެހެނީ ނަތީޖާ ނެރެން މަސައްކަތް ކުރަން. ޓީމުގައި ގިނައީ ވަރަށް ޅަ ކުޅުންތެރިން. މިފަދަ ސަބަބުތަކާހުރެ އަހަރުމެންނަށް ދެ ވަނަ ލިބުނަސް އެ ވާނީ ވަރަށް ބޮޑު ކާމީޔާބީއަކަށް،" ޗެލްސީގައި ތިން ފަހަރު ލީގު ކާމިޔާބު ކުރި ކޯޗު ބުންޏެވެ.

ޕްރެމިއާ ލީގު ހުޅުވަން ރޭ ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ ކުރީގެ ޗެމްޕިއަން ލެސްޓާ ސިޓީއާއާ ވާދަކޮށް 2-0 އިންނެވެ.
ޕްރެމިއާ ލީގުގެ ފުރަތަމަ ލަނޑު ދެ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ފްރާންސަށް ވަރލްޑް ކަޕް ކާމިޔާބުކޮށްދިން މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. ބޮލުގައި ރަން އަކުރުން ދެ ތަރި ފަވާލައިގެން އޭނާގެ ރޭގެ މެޗަށް ނުކުރީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ވެސް އަޅައިގެންނެވެ. ދެ ވަނަ ލަނޑު ޖެހީ ލޫކް ޝޯއެވެ.