ޚަބަރު

އީރާނުން މިސައިލެއް ޓެސްޓުކުރިކަމަށް އެމެރިކާއިން ތުހުމަތުކޮށްފި


އީރާނުން ގަލްފާއި ހުރްމުޒް ކަނޑުއޮޅީގައި ދާދިފަހުން ބޭއްވި އަސްކަރީ ތަމްރީންތަކުގައި ހަނގުރާމައިގެ މަނަވަރުތަކާ ދެކޮޅަށް ބޭނުންކުރާ މިސައިލެއް ތަޖުރިބާކޮށްފައިވާކަމަށް އެމެރިކާ ބުނެފިއެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ އަސްކަރީ މަސްއޫލުވެރިއަކު ރޮއިޓަރސަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އީރާނުގެ މިސައިލް ތަޖްރިބާއަކީ އާދައިގެ ތަޖްރިބާއެއް ނޫންކަމަށާ އެ މިސައިލް ތަޖްރިބާކޮށްފައިވަނީ ރައްކާތެރި ގޮތަކަށް ނޫންކަމަށެވެ.

އީރާނުން ގަލްފުގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފައި މިވަނީ އެމެރިކާއާ 10،000 ކިލޯމީޓަރު ދުރުގައިވާ ގަލްފުގެ ސަރަހައްދަށް އަސްކަރީގޮތުން އެމެރިކާ ވަދެގަނެ ހަތިޔާރާއި ސިފައިންނާއި ހަނގުރާމައިގެ މަނަވަރުތަށް ޖަމާކޮށްގެން އޮންނަ ސަބަބާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ސުވާލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މި ސުވާލަށް އެމެރިކާއަށް ޖަވާބު ދެވިފައިނުވާއިރު އިރުމަތީ އޭޝިޔާއާއި އޭޝިޔާ ޕެސިފިކް ސަރަހައްދުގައިވެސް އެމެރިކާ އަސްކަރީ މަރުކަޒުތަކަށް ޤާއިމުކޮށްގެން އެ ސަރަހައްދުގައި ހަތިޔާރާއި ސިފައިން ރުކުރުވާލައިގެން އުޅޭ މައްސަލާގައި ޗައިނާފަދަ ގައުމުތަކުން ވަނީ ސުވާލުކޮށްފައެވެ.

އީރާނުން ގަލްފާއި ހުރްމުޒް ކަނޑުއޮޅީގައި ދާދިފަހުން ބޭއްވި އަސްކަރީ ތަމްރީންތަކުގެ އަމާޒަކީ އެމެރިކާއިން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން މަސައްކަތްކުރާނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ގާބިލްކަން އީރާންގައި ހުރި މިންވަރު އެމެރިކާއަށް ދައްކާލުމެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ޖޯސެފް ވޮޓެލް މިދިޔަ ހަފްތާގައި ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ އީރާނުން އަސްކަރީ ތަމްރީނުތަށް ބޭއްވީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ގާބިލްކަން އެ ގައުމުގައި ހުރިމިންވަރު އެމެރިކާއަށް ދެއްކުމުގެ ގޮތުންކަމަށް. އެމެރިކާގެ ރަހްމަތްތެރި ގަލްފުގެ ގައުމުތަކުން އެކްސްޕޯޓްކުރާ ތެލުގެ 80 އިންސައްތަ ބޭރުކުރަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. އެމެރިކާ މިދިޔަ ހަފްތާގައިވަނީ އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް އަމާޒުކޮށްގެން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުން. ނަމަވެސް އީރާނުން ތެޔޮގަންނަ ހުރިހާ ގައުމުތަކަކުންވެސް ވަނީ އީރާނުން ތެޔޮގަތުން ހުއްޓާނުލާނެކަން އެމެރިކާއަށް އަންގާފައެވެ. މީގެއިތުރުން ވިޔަފާރީގެ ދާއިރާގައި ގިނަ ގައުމުތަކާ އެމެރިކާގެ ގުޅުންތައް ގޯސްވެ ދުނިޔޭގައި އެމެރިކާ އެކަހެރިވަމުންދާތީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމުގައި އެމެރިކާއަށް ކާމިޔާބު ލިބިދާނެ ކަމާމެދުވަނީ ސުވާލުއުފެދިފައެވެ.

އީރާނަކީ ބަލިސްޓިކް މިސައިލާއި އެނޫންވެސް ކޮންވެންޝަނަލް ހަތިޔާރު އަމިއްލައަށް އުފައްދާ ގައުމަކަށް ވެފައި އީރާނަކީ ސަރަހައްދީ އަސްކަރީ ބާރަކަށްވާތީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ އިގްތިސާދީ ގޮތުން އެމެރިކާއަށް ކުރެވޭވަރުގެ ކަމެއް ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ. ޚާއްޞަކޮށް އެމެރިކާއަކީ އިންތިހާއަށް ދަރަނި ބޮޑު، ބަޖެޓް ދެކޮޅު ނުޖެހޭ އަދި ޚަރަދުތައް ބޮޑު ޤައުމެއްކަމުން އިތުރު ހަނގުރާމައެއް ޚަރަދުތައް ތަހައްމަލް ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެމެރިކާވެސް ވަނީ އަސްކަރީ ގޮތުން އީރާނާ ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެފައެވެ.