ކުޅިވަރު

ނިއުކާސަލް އަތުން މޮޅުކޮށްދިނީ ވަރލްޑް ކަޕް ތަރިން: ޕޮޗެޓީނޯ


ނިއުކާސަލް އަތުން ރޭ 2-1 ން ޓޮޓެންހަމް މޮޅުކޮށްދިނީ ވަރލްޑް ކަޕުގައި ކުޅުނު އެ ޓީމުގެ ކުޅުންތެރިން ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނީ ބުނެފިއެވެ.
ވަރލްޑް ކަޕުގެ ސެމީ ފައިނަލް ކުޅުނު ހަތަރު ޤައުމު ކަމަށްވާ އިންގްލޭންޑާއި ކްރޮއޭޝިޔާ އަދި ޗެމްޕިއަން ފްރާންސާއި ބެލްޖިއަމްގައި ޓޮޓެންހަމުގެ 9 ކުޅުންތެރިން ތިއްބެވެ. މީގެ ތެރެއިން ރޭގެ މެޗުގައި 5 ކުޅުންތެރިން ކުޅުނެވެ.

"މީގެ ތެރެއިން ގިނަ ކުޅުންތެރިން ޓީމާ ގުޅުނީ މިދިޔަ ހޯމަ ދުވަހު. އެމީހުން ތިބީ ވަރަށް ރަނގަޅު ކޮންޑިޝަންއެއްގައި. ހަޤީގަތުގައި މި މެޗުން މޮޅުވުމުގެ ހުރިހާ ކްރިޑެޓެއް އޮތީ ވަރލްޑް ކަޕުގައި ކުޅުނު ކުޅުންތެރިންނަށް، އެމީހުން ވަރަށް މޮޅަށް ކުޅުނު،" ޕޮޗެޓީނޯ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އެރިކް ޑަޔާ ފަދަ ބައެއް ކުޅުންތެރިން ވަރަށް ވަރުބަލި ކަމަށާއި، މުޅި ޓީމު ހަމައަށް އަޅުވަން ވަގުތު ބޭނުންވާނެ ކަމަށެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ނިއުކާސަލްގެ ސަޕޯޓަރުން ވަނީ ކުލަބުގެ ވެރިޔާ މައިކް އޭޝްލީއާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެއީ ޓީމު ވަރުގަދަ ކުރަން އާ ކުޅުންތެރިން ނުގެންނާތީ އެވެ.

ލީގުގައި ޗެލްސީ ވަނީ ފުރަތަމަ މެޗުގައި ފަސޭހަ މޮޅެއް ހޯދާފައެވެ. ހަޑާސްފީލްޑް ޓައުންއާ ވާދަކޮށް ޗެލްސީ މެޗު ކާމިޔާބުކުރީ 3-0 ނެވެ.