ކުޅިވަރު

ވަރުބަލިވެފައި ތިބި ކުޅުންތެރިންނަށް ސެލިއުޓް ކުރަން: ގާޑިއޯލާ


އާސެނަލް އަތުން 2-0 ން އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މޮޅުވި މެޗުގައި މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކުރި ހިތްވަރަށް ކޯޗު ޕެޕް ގާޑިއޯލާ ތައުރީފް ކޮށްފިއެވެ.

އޭނާ ބުނީ މިދިޔަ މަހު ރަޝިޔާގައި ނިމުނު ވަރލްޑް ކަޕުގައި ކުޅުނު ގިނަ ކުޅުންތެރިން ޓީމާ ގުޅި މިހާތަނަށް ކުރީ މަދު ޕްރެކްޓިސް ތަކެއް ނަމަވެސް ރޭ ހުރިހާ ކުޅުންތެރިން ވެސް އާދަޔާ ހިލާފަށް މަސައްކަތް ކުރި ކަމަށެވެ. ސިޓީގެ ކުޅުންތެރިންގެ ތެރެއިން ސެމީ ފައިނަލް ކުޅުނު އިނގިރޭސި ޓީމުގެ ކޭލް ވޯކާ އާއި ޖޯން ސްޓޯންސް އަދި ރަހީމް ސްޓާލިން ފަދަ ކުޅުންތެރިން ފަރިތަކުރަން ފެށީ ޗުއްޓީ ކުރުކޮށްލާފައެވެ.

"އަހަރުމެން އެންމެން އެކުގައި ފަރިތަކުރަން ފެށިތާ މިވީ ހަފުތާއެއް. ވަރަށް ބޮޑަށް ވަރުބަލިކަން މި މެޗުގައި ފެނިގެންދިޔަ. އެކަމަކު ވެސް ކުޅުންތެރިން ވަރަށް މަސައްކަތް ކުރި. އަހަންނަށް ފެނިގެންދިޔައީ ވަރަށް ފޯރީގައި ތިބި ކުޅުންތެރިންތަކެއް. އެމީހުން މޮޅުވާން ދެއްކި ހިތްވަރު ފެނިފައި އަހަރެން މިހުރީ ވަރަށް އުފަލުން،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ކާމިޔާބު ހޯދަން ސިޓީގެ ކުޅުންތެރިން މިފަދަ ފޯރިއެއްގައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރެން އެހިން އެމީހުން ތައްޔާރުތޯ މި ސީޒަނަށް. އެމީހުން ބުނީ ޔޭސް ބޮސްއޭ. އެމީހުން އަހަންނަށް ދިނީ ފެހި ސިގްނަލެއް. އެހެންވީމަ އަހަރުމެން މިތިބީ ވަރަށް ރަނގަޅު ވިސްނުމެއްގައި. ރަނގަޅު އެޓިޓިއުޑެއްގައި،" ގާޑިއޯލާ ބުންޏެވެ.