ކުޅިވަރު

ކޭން އެންމެ ފަހުން އޮގަސްޓް މަހު ގޯލު ޖަހައިފި


ޓޮޓެންހަމުގެ ފޯވަޑް ހެރީ ކޭން އެންމެ ފަހުން އޮގަސްޓް މަހު ގޯލު ޖަހައިފިއެވެ.

ކޮންމެ ސީޒަނެއްގެ ވެސް ފުރަތަމަ ހަފުތާގައި ކުޅޭ މެޗުތަކުގައި ގޯލު ނުޖެހޭތީ ފާޑުކިއުން އަމާޒުވެފައިވާ ފޯވަޑް ރޭ ގޯލު ޖެހީ ފުލަމް އަތުން 3-1 ން ޓޮޓެންހަމު މޮޅުވި މެޗުގައެވެ. މި މެޗުގައި ކޭންގެ އިތުރުން ދެން ލަނޑު ޖެހީ ޓްރިޕިއާ އާއި ލޫކަސް މައުރާއެވެ.

"އަހަރެން ލަނޑު ނުޖަހާ ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެކަން އެންމެ ފަހުން ނިމުމަކަށް މިއައީ. އަހަރެން މިކަމާ އުފާކުރަން. ހަޤީގަތުގައި މިފަދަ ކަންކަންވީމަ ކުރެވޭ އިހުސާސް ބުނެދޭން ދަތިވާނެ. އެކަމަކު މިއީ ނިދާލަން ވަރަށް ފަސޭހަވާނެ ކަމެއް،" ކޭން ބުންޏެވެ.

އެންމެ ފަހުގެ ވަރލްޑް ކަޕުގެ ރަންބޫޓުވެސް ހޯދި ކޭންގެ ލަނޑާއެކު ޓޮޓެންހަމް މޮޅުވުމުން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކުޅުންތެރިއަކަށް ކުރިމަތިވާ ފާޑުކިއުންތަކުން އަރައިގަނެވުމަކީ ޓީމަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އޭގެ އިތުރުން މި މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރުމެން މޮޅުވަމުން ދިއުން ވަރަށް މުހިންމު. ހާއްސަކޮށް ފުލަމް ކަހަލަ ޓީމުތައް އަތުން މޮޅުވާންޖެހޭ،" ޕޮޗެޓީނޯ ބުންޏެވެ.

ފުލަމް އަކީ ކުރިން ޕްރެމިއާ ލީގުގައި ވާދަކުރި ޓީމެކެވެ. އެ ޓީމު އަލުން ޕްރެމިއާ ލީގަށް ކޮލިފައިވީ ގާތްގަނޑަކަށް އަށެއްކަ އަހަރު ފަހުންނެވެ.