އޭޑީކޭ ހޮސްޕިޓަލުގައި އޮތް ބަލި މީހެއްގެ ބިލަށް އެރި ފަސް ސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދައްކައިދޭން ނިންމަވައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އިސްމާއިލް އައްޒާމް ވިދާޅުވީ، އޮޕަރޭޝަންތަކަކަށް ފަހު ދިގު މުއްދަތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހެއްގެ ބިލަށް އެރި ފަސް ސަތޭކަ ހާސް ރުފިޔާ ސަރުކާރުން ދައްކައިދޭން ނިންމާ، އެކަން މިހާރު އޭޑީކޭ ހޮސްޕިޓަލަށް އަންގާފައިވާކަމަށެވެ.
އައްޒާމް ވިދާޅުވީ އޭޑީކޭގައި އޮތް ބަލި މީހާއަށް އެހީވުމަށް ނިންމީ އޭނާއަށް ދޭންޖެހޭ ބައެއް ފަރުވާ އައިޖީއެމްއެޗުގައި ނެތުމާއި، އަދި އޭޑީކޭއަކީ އެޚިދުމަތް އެންމެ ހެޔޮއަގުގައި ފޯރުކޮށްދޭ ޕްރައިވެޓް ހޮސްޕިޓަލަށްވާތީ ކަމަށެވެ. އަދި ބަލި މީހާގެ ބިލަށް އަރާފައިވާ ފައިސާ ދައްކާނީ ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލާ ދުވަހުކަމަށްވާތީ، އޮންނަ އުސޫލުގެ ތެރެއިން އެފައިސާ އެންސްޕާއިން ދައްކާނެކަމަށް އައްޒާމް ވިދާޅުވިއެވެ.
"ބަލި މީހާ ދަނީ އަދިވެސް އިތުރު ފަރުވާ ހޯދަމުން. އަދި ޑިސްޗާޖް ކުރާނެ ދުވަހެއް ނޭގޭ. ޕްރައިވެޓް ރޫމާއި، ކެއުމާއި ، އާސަންދައިގެ އެއޮންނަ އުޞޫލުން ދައްކަން ޖެހޭ ފައިސާ ކެނޑުމަށް ފަހު، އޭނާގެ އެހެނިހެން ފަރުވާއަށްވާ ބިލު ދައްކަން އެންސްޕާއިން މި ނިންމީ. އޭނާއަށް ދޭންޖެހޭ ބައެއް ފަރުވާ އައިޖީއެމްއެޗުގައި ނެތް. އަދި އެފަރުވާ އޭޑިކޭއިން ހެޔޮ އަގުގައި ލިބޭތީ އެންސްޕާއިން މިގޮތައް މި ނިންމީ" އެންސްޕާގެ ސީއީއޯ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެންސްޕާއިން ދައްކައިދެނީ އޭޑިކޭގައި އޮޕަރޭޝަންތަކެއް ކުރުމަށްފަހު އިތުރު ފަރުވާ ހޯދަމުންދާ ޏ.ފުވައްމުލަކު މީހެއްގެ ބިލުތަކެކެވެ.