ޚަބަރު

ފުވައްމުލައް ސިޓީގައި މިއަހަރުވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި


ފުވައްމުލައް ސިޓީގައި ބޮޑު ޖަމާޢާތުގައި ޢީދު ނަމާދުކުރަން ތައްޔާރުވެއްޖެއެވެ.

ފުވައްމުލަކު މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "ގާޑިއަން އެސޯސިއޭޝަން" އިން އިސްނަގައިގެން އެރަށުގައި ޢީދު ނަމާދުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އެސިޓީގެ ޒުވާނުންގެ މަރުކަޒުގަ އޮންނަ ހުސްބިމުގައެވެ.

ޢީދުނަމާދުގެ އިންތިޒާމުތަކާބެހޭ ގޮތުން ގާޑިއަން އެސޯސިއޭޝަނުގެ މެމްބަރ މުޙައްމަދު ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ ސުންނަތް ދިރުވައި އާލާކުރުމުގެ ގޮތުން އެޖަމްޢިއްޔާއިން ކޮންމެ އަހަރަކުވެސް ޢީދު ނަމާދުގެ ކަންކަން އިންތިޒާމުކުރަމުން އަންނަ ކަމުގައެވެ. އެގޮތުން މިއީ އެ އެސޯސިއޭޝަނުން މިގޮތައް މިކަން އިންތިޒާމު ކުރަމުންދާތާ ހަވަނަ އަހަރުކަން މުޙައްމަދު ޙުސައިން ފާހަގަ ކުރެއްވިއެވެ.

ޢީދު ނަމާދު ކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދު މިހާރުވަނީ ސަތަރި އަޅާ ތައްޔާރުކޮށްފައެވެ. އެޞަރަޙައްދު ތައްޔާރުކޮށްފައިވަނީ ކަނބަލުންނަށްވެސް ބައިވެރިވެވޭ ގޮތައްކަމަށް ގާޑިއަށް އެސޯސިއޭޝަނުން ބުނެއެވެ. ޢީދުނަމާދަށް ފަހު އެޞަރަޙައްދުގައި ކުޑަކުދިންނަށް ޢީދު ހަދިޔާ ދިނުމާއި، ކުޅިވަރު ޙަރަކާތަކެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތައް ކުރިޔަށްގެންދަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އެހީތެރިކަމާއެކުގައިކަމަށް ގާޑިއަން އެސޯސިއޭޝަނުން ބުނެއެވެ.

ޢީދު ނަމާދުގެ އިންތިޒާމުތައް ގާޑިއަން އެސޯސިއޭޝަނުން ހަމަޖައްސަނީ ދީލަތި ފަރާތްކާއި ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއެކުގައެވެ.