ޚަބަރު

އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށްއެދި ބޭރުގެ ފަރާތްތަކުގެ ކައިރީގައި ސަލާންޖަހަމުން- މިނިސްޓަރ ޠާރިޤް


އިދިކޮޅު ފަރާތްތަކަށް އިންސާފުވެރި އިންތިޚާބަކުން ރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަން ކަށަވަރު ވާތީ އެ ފަރާތްތަކުން މިހާރު ކުރަމުންގެންދާ މަސައްކަތަކީ ބޭރުގެ ފަރާތްތަކުގެ ކައިރީގައި ވެރިކަން ހޯދަން ސަލާން ޖެހުންކަމަށް މިނިސްޓަރ އޮފް އެންވަރަޔަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ މިހެން ވިދާޅުވީ ރ.އަލިފުށީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެންވާރަމެންޓް މިނިސްޓަރ ވިދާޅުވީ އަލިފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވާއިރު އިދިކޮޅު ފަރާތްތަކުން އެއްވެސް ތަރައްޤީގެ މަޝްރޫއެއް އަލިފުށީގައި ހިންގާފައިނުވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު ކެމްޕެއިން ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް ދައްކަމުންދަނީ މި ސަރުކާރުން މިހާރުވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ވާހަކަ ކަމަށެވެ. މިނިސްޓަރ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ސިއްޙީ ނިޒާމަަށް ފާޑުކިޔަމުންދާއިރު މީގެ ފަސް އަހަރުކުރިން ކެމްޕެއިން ދަތުރުކުރެއްވި އިރު ރަށްރަށުން ކުރި އެންމެ ބޮޑު ޝަކުވާއަކީ ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުންކަމަށެވެ. އަދި އޭރު މި ޝަކުވާ ރައްޔިތުން ކުރަމުން ދިޔައީ އެމްޑީޕީގެ ވެރިކަމުގައި މިމައްސަލަތަކަށް ޙައްލު ހޯއްދަައިދީފައި ނުވުމުންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް އަމާޒު ހިތްޕެވީ ރައްޔިތުންގެ މިޝަކުވާތަކަށް އެކަށީގެންވާ ޙައްލު ހޯއްދަވައިދެއްވުމަށް ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުރަޙީމްގެ ވާހަކައިގައި ވަނީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، ރާއްޖޭގެ މިނިވަންކަމާއި ސުލްޙަ މަސަލަސްކަން ނަގާލުމަށް މަސައްކަތްކުރާ ބަޔަކަށް ވެރިކަން ދޭން ދިވެހިން ބޭނުން ނުވާނެކަމަށް ވިދާޅުވެފައެވެ.