ޚަބަރު

ކުރީގެ ސަރުކާރުތަކުން ލޯނުނަގައި އަނބުރާ ދައްކަން ނޭނގުނީ


މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަކަށް ލޯނުނަގައިގެންވެސް ތަރައްޤީކުރާނެ ގޮތެއް އެނގިވަޑައިނުގަތްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރ. މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ލޯނު ނަގައިގެން ތަރައްޤީ ގެންނަވަން ކެރުނު ހަމައެކަނި ވެރިއަކީ ރައީސް ޔާމީންކަމަށެވެ. ލޯނަކީ އަނބުރާ ދައްކަންޖެހޭ އެއްޗަކަށްވުމުން ލޯނު އަނބުރާ ދައްކަވާނެ ގޮތް އިދިކޮޅު ފަރާތްތަކަށް ނޭނގޭ ކަމަށާއި، ލޯނު އަނބުރާ ދައްކަން އެނގިވަޑައިގަތް ވެރިޔަކީވެސް ހަމައެކަނި ރައީސް ޔާމީންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ޢަބްދުރަޙީމް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓްގެ ރިޔާސީ ވަޢުދުތައް ފުއްދަވާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތްކަމަށެވެ. ޢަބްދުރަޙީމް ވިދާޅުވީ ރައީސް ޔާމީން ވަޢުދުވެވަޑައިގަންނަވަނީ އެކަން ކުރާނެ ފްލޭނާ އެކުކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއްނެތްކަމަށެވެ.

ކާބަފައިން މިޤައުމު ގެނެސްދެއްވި ގޮތަށް މާދަމާގެ ޖީލުތަކަށް މިނިވަންކަމާއެކު ގެންގޮސްދެވޭނީ ރައީސް ޔާމީނަށްކަމަށާއި، ރައީސް ޔާމީނަކީ ޤައުމަށް ބޮޑެތި ކަންކަން ދިމާވުމުން ފިލައިގެންދާނެ ވެރިއެއް ނޫންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.