ކޮރެއާ ބައްރުގައި އެމެރިކާއިން ދެކުނު ކޮރެއާއާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ބޮޑެތި ތަމްރީނުތައް ހުއްޓާލުމުގެ ވިސްނުމެއް އެމެރިކާގެ އަސްކަރިއްޔާގައި ނެތްކަމަށް އެ ގައުމުގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ދިފާޢީ މަރުކަޒު ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވީ، ކޮރެއާ ބައްރުގައި އެމެރިކާ އާއި ދެކުނު ކޮރެއާއިން އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި އަސްކަރީ ތަމްރީނުތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި މިއަހަރުގެ ހޫނު މޫސުމުގައި މިފަދަ ތަމްރީނުތައް ހިންގާފައި ނުވަނީ އުތުރު ކޮރެއާއަށް އެއްބާރުލުންދިނުމުގެ ޢަމަލެއްގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް މީގެ މާނައަކީ މިއަހަރު ބާއްވާ ހުރިހާ ތަމްރީނުތައް ހުއްޓާލީ ނޫންކަމަށްވެސް މަޓިސް ވިދާޅުވިއެވެ.މިހާރު ވެސް ދެ ގައުމުގެ ދެމެދު ކުދި ކުދި ތަމްރީނުތައް ހިންގަމުންދާ ކަމަށް މަޓިސް ވިދާޅުވިއެވެ.
އެމެރިކާއިން ކޮރެއާ ބައްރުގައި އަސްކަރީ ތަމްރީނުތައް ހުއްޓާލާނެކަން އިއުލާނުކޮށްފައިވަނީ އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ. އެމެރިކާގެ ރައީސްގެ މި ނިންމެވުމުގެ ސަބަބުން އެގައުމުގެ އަސްކަރިއްޔާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަމަށް ރިޕޯޓްތައް ބުނެއެވެ.