ސިނަމާލެ ބްރިޖު ހުރަސްކޮށް ދަތުރުކުރާ އެކި ވެހިކަލްތަކުން ދައްކަންޖެހޭ އަގުކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓަކީ ސައްޙަ ލިސްޓެއް ނޫންކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ސިނަމާލެ ބްރިޖު ހުރަސްކުރާއިރު ވެހިކަލްތަކުން ދައްކަންޖެހޭ ވަކި އަގެއް މިހާތަނަށް ކަނޑައަޅާފައިނުވާކަމަށާއި އެކަމާބެހޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާ މަޝްވަރާތައް އަދި ނުނިމޭކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ބްރިޖު ހުރަސްކޮށް ދަތުރުކުރާ އެކި ވެހިކަލްތަކުން ނަގާ ފީ ތަފާތުވިނަމަވެސް، އެ ފީއަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެވަރުގެ ފީއަކަށް ހައްދަވާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
ބްރިޖު ހުރަސްކޮށް ދަތުރުކުރާ ވެހިކަލްތަކުން ދައްކަންޖެހޭ ފީ ނުވަތަ ބްރިޖް ޓޯލް ރޭޓްތައް ހިމެނޭ ލިސްޓެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ސައްޙަ ނޫން ލިސްޓެއް އާންމު ކުރަމުންނެވެ.