ޚަބަރު

ތުރާބުލުސްގެ ޖަލަކުން 400 ޤައިދީން ފިލައިފި


ލީބިޔާގެ ވެރިރަށް ތުރާބުލުސްގައި ވާދަވެރި ދެހަނގުރާމަވެރިންގެ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދަނިކޮށް އެރަށުގައި ހުންނަ ޖަލަކަށް ދިން ހަމަލާތަކަށް ފަހު ޖަލުގައި ހައްޔަރުކޮށްފައި ތިބި ހަތަރު ސަތޭކައެއްހާ ޤައިދީން ފިލައިފިއެވެ.

ތުރާބުލުސްގެ ފުލުހުން ބުނެފައިވަނީ މި ޤައިދީންތައް ޖަލުން ފިލާފައިވަނީ ޖަލުގެ ދޮރުތައް ގަދަކަމުން ހުޅުވައިގެން ކަމަށާއި ޖަލުގައި ފޯރިމަރަން ތިބި ގާޑުން ވަނީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް އެމީހުންގެ ޕޯސްޓްތައް ދޫކޮށް ފިލާފައިކަމަށެވެ.

މި ޖަލު ހުންނަނީ ތަރާބުލުސްގެ ދެކުނުގެ ސަރަހައްދެއްގައި ކަމަށްވާއިރު މި ސަރަހައްދަކީ ހުސްވި ހަފުތާގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިިންގާފައިވާ ސަރަހައްދެގައެވެ. ތަރާބުލުސްގައި ހުސްވި ހަފުތާގައި ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ލީބިޔާގައި ސަރުކާރެއް އޮތްނަމަވެސް އެ ޤައުމުގެ ވެރިކަން ކުރާ ރަށް ތަރާބުލުސް ކޮންޓްރޯލް ކުރަނީ ސަރުކާރަކުން ނޫނެވެ. މި ދަނޑިވަޅުގައި، އދން ވަނީ ލީބިޔާގައި ހަނގުރާމަކުރަމުންދާ ހުރިހާ ފަރާތަކުން މި ހަފުތާގެ އަންގާރަ ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވާ، މިހާރު ހިނގަމުންދާ ކުރިމަތިލުންތަކަށް އަަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.