ޚަބަރު

ކުޑަހުވަދޫގައި ސަރަޙައްދީފެންވަރުގެ ބަނދަރެއް ޤާއިމުކުރަނީ


ދ.އަތޮޅު ކުޑަހުވަދޫގައި ސަރަޙައްދީ ވިޔަފާރީގެ ބަނދަރެއް ޤާއިމްކޮށްދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމް އިޢުލާންކުރައްވައިފިއެވެ.

ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުޑަހުވަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުދުވަހުގެތެރޭގައި ކުޑަހުވަދުއަށް އެކަނިވެސް ހަތްސަތޭކަ ތިންމިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާފައިކަމަށެވެ. އޭގެ ކުރީގެ ފަސްއަހަރުދުވަހުގެތެރޭގައި މިޢަދަދާއި ގާތްކުރާ ޢަދަދަކަށްވެސް ކުޑަހުވަދޫގެ ތަރައްޤީއަށް ޚަރަދުކޮށްފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަދައުރުގައި ކުޑަހުވަދޫގައި ސަރަޙައްދީ ވިޔަފާރީގެ ބަނދަރެއް ޤާއިމްކޮށްދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.

އިދިކޮޅު ސިޔާސީފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީންވިދާޅުވީ އިދިކޮޅުފަރާތްތަކުން މިއިންތިޚާބުގައިވެސް ތަކުރާރުކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފުއްދަވައިނުދެއްވުނު ވަޢުދުތަކުގެ ވާހަކަތައްކަމަށެވެ. ރައީސް ވިދާޅުވީ ތަރައްޤީއަށް ރައްޔިތުން މިއަދު އުއްމީދުކުރަކަމަށާއި ރައްޔިތުން ކުރިއަށްދަނީ މިސަރުކާރުން ދައްކަވަމުންގެންދަވާ ތަރައްޤީގެ މަގުބަލަގެންކަމަށެވެ.

ދ.ކުޑަހުވަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ އެއަތޮޅު މާއެނބޫދޫ ރައްޔިތުންނަށްވެސް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން ކުރިއަށްއޮތްތާގައި މާއެނބޫދޫ ބިން ހިއްކަވާދެއްވާނެކަން ރައީސް ޔާމީންވަނީ ހާމަކުރައްވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އދ.ދަނގެއްޗާއި މަހިބަދޫއާއި އއ.މަތިވެރިއާއި ތޮއްޑޫއަށްވެސް ވަނީ ވަޑައިގެންފައެވެ. މީގެއިތުރުން ރައިސްވަނީ އދ.މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ރައީސްގެ މިދަތުރުފުޅުގައި ރަށްރަށުން އެމަނިކުފާނަށް ހޫނުމަރުޙަބާއެއްވަނީ ދަންނަވާފައެވެ.