އިންޑިއާ އާއި އެމެރިކާއާ ދެމެދު ސިޔާސީ އަދި ސަލާމަތީ ގުޅުންތައް މިހާރަށް ވުރެ ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ފަށާފައިވަނީ، އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް، އިންޑިއާގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީކަމަށްވާ އެމެރިކާ އާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިވެފައިވަނީ މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައެވެ. ދެ ޤައުމުން ބުރާސްފަތި ދުވަހު ފަށާފައިވާ މަޝްވަރާތަކަކީ މި ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްވަރާތަކެއް ކަމަށް ދެ ޤައުމުންވެސް ވަނީ ބުނެފައެވެ.
އެމެރިކާ އާއި އިންޑިއާގެ ދެމެދު އޮންނަ ސިޔާސީ އަދި ދިފާޢީ ގުޅުންތަކާ ބެހޭގޮތުން ބާއްވާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވަޑައިގަންނަވަނީ އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސްއެވެ. އިންޑިއާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖާއި އިންޑިއާގެ ދިފާޢީ ވަޒީރު ނިރްމަލާ ސީތާރާމަންއެވެ.
މި ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވީ، އެމެރިކާގެ ދިފާޢީ ވަޒީރާއި ޚާރިޖީ ވަޒީރު އިންޑިއާއަށް މިފަދަ ދަތުރެއް ކުރުއްވުމުންވެސް ދޭހަވަނީ، އެމެރިކާއިން އިންޑިއާއަށް ދޭ އަހައްމިއްޔަތުކަމަށާއި، އެމެރިކާ އާއި އިންޑިއާއިން ބައިނަލްއަޤުވާމީ މަސްރަހުގައި ބައިވެރިންގެ ގޮތުން ކުރިއަށްދާން ތައްޔާރުވަމުންދާކަން ކަމަށެވެ.
އަނެއްކޮޅުން، އެމެރިކާ އާއި އިންޑިއާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ވަނީ، އިންޑިއާއިން އީރާނުން ތެޔޮ އިމްޕޯޓުކުރުން ހުއްޓާލުމާ ބެހޭގޮތުން ތަފްސީލީ ވާހަކަތަކެއް ދައްކަވާފައިކަމަށް، އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. މިގޮތުން މިކަމުގައި ފަންނީ ތަފްސީލުތަކާ ބެހޭގޮތުން އިންޑިއާއާ އެމެރިކާއިން މަޝްވަރާތައް ކުރަމުންދާކަމަށާއި އެމެރިކާގެ އުއްމީދަކީ އެގައުމަށް ވާގިވެރިވެދޭ ހުރިހާ ޤައުމަކުން ވެސް އީރާނުން ތެޔޮ އެތެރެ ކުރުން ހުއްޓާލުންކަމަށެވެ.
އެމެރިކާއަށް ވާގިވެރިވެދޭ ޤައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. ދެ ޤައުމުގެ ދެމެދު ކުރާ މުވާސަލާތީ އެކި މުޢާމަލާތައް މިހާރަށް ވުރެ ހަރުދަނާ ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޝްވަރާތަކުގައި ބައިވެރިވާ ދެ ޤައުމުގެ ވަޒީރުން މަސައްކަތް ކުރައްވަމުންދާކަމަށް ރޮއިޓަރސްއިން ބުނެއެވެ. މި އެއްބަސްވުން ވެގެންދާނީ އެމެރިކާއިން އިންޑިއާއަށް ހަތިޔާރު ވިއްކުމުގައި ފަސޭހަވާނެ ކަމަކަށް ކަމަށްވެސް ރޮއިޓަރސްއިން ލަފާކުރެއެވެ.