ދިވެހިރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޚާއްޞަ ލިޔުމެއް ދީފިއެވެ.
މިލިޔުން ދިވެހިރާއްޖެއާއި ޙަވާލުކުރީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ޞަރަޙައްދުގެ 71 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގެ ތެރެއިން އެހެން އަހަރުތަކެކޭ އެއްފަދައިން ސަރަޙައްދުގެ ޤައުމުތަކުން ޞިއްޙީގޮތުން ހޯދާ ކާމިޔާބުތައް ފާހަގަކޮށް ޑަބްލިޔޫ.އެޗް.އޯ އިން ސެޓްފިކެޓާއި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މިގޮތުން މިރަސްމިއްޔާތުގައި ބައެއް ބަލިތައް ނައްތާލާ ކޮންޓްރޯލުކޮށްފައިވާކަމުގެ ލިޔުން އެކި ޤައުމުތަކާ ވަނީ ޙަވާލުކޮށްފައެވެ.
ރާއްޖެއަށް ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ލިއުން ދީފައިވާއިރު، ރާއްޖެއިން މިހާތަނަށް އައިއިރު ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލާފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލް އަދި ރީޖަނަލް ޑައިރެކްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދަމުންއަންނަ ބޮޑެތި ކުރިއެރުންތަކައް އަލިއަޅުއްވާލައްވަމުން، މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ނިސްބަތުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދައުލަތުގެ ޢާމްދަނީއިން އެންމެ ބޮޑު ޚަރަދެއްކުރަނީ ދިވެހިރާއްޖެއިން ކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 71 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ބާއްވާފައިވަނީ މިސެޕްޓެމްބަރު މަހުގެ 3 ން 7 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މިބައްދަލުވުމުގައި މިޞަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާބެހޭ އެންމެ އިސްބޭފުޅުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލްއާއި މިޞަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ދގެ ކަމާގުޅޭ ޖަމްޢިއްޔާތަކާއި ޞިއްހަތާގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ޞިއްޙަތާގުޅޭ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިސަރަޙައްދުގެ ޞިއްޙަތާގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު މިބައްދަލުވުމުގައި ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާ ތަމްސީލުކުރެއްވި އިސްވެރިންވަނީ ޞިއްޙީދާއިރާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް ފަސޭހަކަމާއެކު ލިބޭނޭގޮތްތައް ހަމަޖެއްސުމާ ގުޅޭ ޚާއްޞަ ޑެކްލަރޭޝަންއެއްގައި ސޮއިކުރައްވާފައެވެ. މި ޑެކްލަރޭޝަންގެ ދަށުން، މެމްބަރު ޤައުމުތަކަށް ބޭނުންވާ ބޭހާއި އާލަތްތައް ހޯދުމަށް ފަސޭހަ ނިޒާމެއް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި މެމްބަރު ޤައުމުތައް ގުޅިގެން ޤާއިމްކުރެވިގެންދާނެއެވެ.