ޚަބަރު

ހޫޘީންގެ އެއްބާރުލުން ނުލިބި ޔަަމަނުގެ ސުލްޙައިގެ މަޝްވަރާތައް ފަނުފުލުން


ހޫޘީ ވަފުދު ހާޒިރުނުވުމުގެ ސަބަބުން، އދން އިސްނަގައިގެން ބާއްވަން މަސައްކަތްކުރި ޔަމަނުގެ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެއެވެ.

ހޮނިހިރު ދުވަހު މަޝްވަރާ ނުބޭއްވޭނެކަމަށް އދން ނިންމާފައިވަނީ ހޫޘީ ވަފުދުގެ އިންތިޒާރުގައި ތިން ދުވަސް ހޭދަކުރުމަށްފަހުގައެވެ. މިއީ ތިން އަހަރު ދުވަހުގެ ތެރޭގައި ސުލްޙައިގެ މަޝްވަރާތަކެއް ކުރުމަށް ކޮށްފައިވާ ފުރަތަމަ މަސައްކަތެވެ.

މި މަސައްކަތަށް ހޫޘީންގެ އެއްބާރުލުން ނުލިބުމަކީ ބޮޑު ވެއްޓުމެއްކަމަށް މައްސަލައިގައި ޝާމިލުވާ ގިނަ ފަރާތްތަކުން ދުށް ނަމަވެސް، އދގެ ސެކެޓްރީ ޖެނެރަލް ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަ ޚާއްޞަ މަންދޫބު މާޓިން ގްރިފިތުސް ވިދާޅުވީ، މިއީ ސުލްހައިގެ މަސައްކަތްތައް މަޑުޖެހުނުކަމަށް ބަލަންވީ ވަރުގެ މައްސަލައެއް ނޫންކަމަށެވެ. ގްރުފިތު ވަނީ ޔަމަންގެ ސަރުކާރުގެ ވަފުދާއެކު ތިން ދުވަހުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ސަންޢާ އާއި މަސްކަޓުގައި ހޫޘީންނާ ބައްދަލުކޮށް، މަޝްވަރާކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހޫޘީ ވަފުދުން ބުނެފައިވަނީ އެ ފަރާތުން އދގެ ކިބައިން އެދުނީ، ހޫޘީ ވަފުދު ދަތުރުކުރާ މަތިންދާބޯޓު، ސައުދީ އިއްތިހާދުގެ ފައުޖުތަކުން ބަލައި ފާސްނުކުރާނެކަމުގެ ޔަޤީންކަން ދިނުމަށްކަމަށެވެ. އެހެންނަމަވެސް އދށް އެ ޔަޤީންކަން ނުދެވުނުކަމަށް ހޫޘީ ވަފުދުން ބުނެއެވެ.

2015 ވަނަ އަހަރު ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޔަމަނުގައި 8.4 މިލިޔަން މީހުން ހާލުގައިޖެހި، އެ ޤައުމުގައި އިންސާނީ ކާރިސާއެއް އުފެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.