ޚަބަރު

ޤުދުސްގެ ހޮސްޕިޓާތަކަށް ދެމުންދިޔަ އެހީވެސް އެމެރިކާއިން ހުއްޓާލައިފި


އިރުމަތީ ޤުދުސްގައި ހުންނަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ދިނުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ފަންސަވީސް މިލިއަން ޑޮލަރުގެ އެހީ އަނބުރާ ގެންދިއުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޢަމުރުކުރައްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޓްރަމްޕްގެ މި ނިންމެވުމަކީ، އެމެރިކާއިން ފަލަސްޠީނަށް އެހީތެރިވަމުންދާ ނިޒާމު މުރާޖަޢާކުރުމަށް އެގައުމުގެ ސަރުކާރުން މިއަހަރުގެ ކުރީކޮޅު ފެށި މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.

ޓްރަމްޕްގެ އެދިވަޑައިގަތުމާއެކު މި ފައިސާ ދެން ޚަރަދު ކުރާނީ މިކަމަށް ވުރެ މުހިއްމު ކަމަށް އެމެރިކާގެ ސަރުކާރަށް ފެންނަ ކަންތައްތަކަށް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ފަލަސްޠީނު އެކަހެރިކޮށްލުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އެޅި ފިޔަވަޅެވެ.

ހުސްވި މަހު އެމެރިކާގެ ސަރުކާރުން ވަނީ، ފަލަސްޠީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިންގާ އިޤްތިޞާދީ ޕްރޮގްރާމްތަކަށް ދިނުމަށް ހަމަޖެހިފައިވާ ދުއިސައްތަ މިލިއަން ޑޮލަރު ނުދޭނެކަން އިޢުލާންކޮށްފައެވެ. އަނެއްކޮޅުން، މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު އެމެރިކާއިން ވަނީ، އދއިން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ އިދާރާއަށް މާލީ އެހީދިނުން މުޅިން ހުއްޓާލާނެ ކަންވެސް އިޢުލާންކޮށްފައެވެ.