ޚަބަރު

ދުނިޔޭގައި ހިނގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރަނީ


ދުނިޔޭގައި ހިނގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށާއި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭ ގޮތުން އދ. އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ދިވެހިރާއްޖެއިން ވަކާލާތުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 39 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ސުވިޒަލޭންޑުގެ ޖެނީވާގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި މިއަދު ފެށިގެން ކުރިއަށް ދާއިރު ދިވެހި ޚާރިޖީ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމު މަޢުޟޫތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޢުޟޫތަކަށް ރާއްޖެއިން ވާހަކަދައްކާނެއެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ބުނީ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، ރޫލް އޮފް ލޯ އަދި ޑިމޮކްރަސީ ނެގެހެއްޓުން ފަދަ މަޢުޟޫތަކަށް ވަކާލާތު ކުރުން ހިމެނޭ ކަމަށެވެ. އަދި މި މަޢުޟޫތަކާއި ގުޅުންހުރި ޤަރާރުތައް ދިވެހިރާއްޖޭން ކޯ ސްޕޮންސަރ ކުރުމުގެ އިތުރުން މި ޤަރާރުތަކާ ބެހޭ މަޝްވަރާ ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ "ހައިލެވެލް ޕެނަލް ޑިސްކަޝަން އޮން ދަ ކޮންވެންޝަން އޮން ޖެނޮސައިޑާއި" "އިންޓެރެކްޓިވް ޑައިލޮގް އޮން ރައިޓް ޓު ވޯޓަރ އެންޑް ސެނިޓޭޝަންގެ' އިތުރުން "ރައިޓްސް އޮފް އޯލްޑަރ ޕާރސަންސް" އަދި "ރައިޓް ޓު ޑިވެލޮޕްމަންޓާއި" ގުޅޭ އެޖެންޑާ އައިޓަމްތަކުގައި ސްޓޭޓްމަންޓް ދޭނެ ކަމަށެވެ.

މިފަހަރުގެ ސެޝަންގައި، ދުނިޔޭގައި ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތަކާ ދެކޮޅަށް، ރާއްޖެއިން އެހެން ސަރަޙައްދީ ގްރޫޕްތައް ކަމަށްވާ 'އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން' (އޯ.އައި.ސީ) އަދި "ނަން އެލައައިންޑް މޫވްމަންޓް" (ނާމް) ގައި އަޑު އުފުލާފައިވާ ފަދައިން، މި ސެޝަންގައި ހިމެނޭ މިކަމާ ގުޅުންހުރި މަޢުޟޫތަކުގައިވެސް ދިވެހި ރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓް ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ ސްޓޭޓްމަންޓެއްގެ އިތުރުން، ސީރިއާ އާއި ފަލަސްތީނުގައި ހިނގަމުން އަންނަ އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މަސްރަހުގައި ގޮވާލާ ގޮވުމަށް ތާއީދުކޮށް ރާއްޖޭގެ ފަރާތުން ވާހަކަދައްކާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ސެޝަންގައި، މިޔަންމާގެ މުސްލިމުންނާ ދޭތޭރޭ ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތަށް ކުށްވެރިކޮށް، މި މައްސަލައަށް އިންސާނީ ހައްްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަމާލުކަން އިތުރުކުރުމަށްޓަކައި، ބަންގްލަދޭޝް މިޝަން އިން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ސައިޑް އިވެންޓެއް ދިވެހިރާއްޖެއިން ކޯ ސްފޮންސަރ ކުރުމަށް ވަނީ ހަމެޖިފައެވެ.

އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 39 ވަނަ ސެޝަންގައި، ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނަވާނީ، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދެވެ.

ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމޭނީ ސެޕްޓެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ދިވެހިރާއްޖެއަކީ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ އޮބްޒަރވަރ މެމްބަރެކެވެ. މީގެ ކުރިން ދިވެހިރާއްޖެއިން ވަނީ، 2016 ގެ ނިޔަލަށް، ދެ ދައުރުގެ ހަ އަހަރު ކައުންސިލުގެ މެމްބަރުކަން ކޮށްފައެވެ. ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއަޅާ އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާއި ނިންމުންތައް ނިންމާ މަޖްލީހެވެ.