ނ.މާޅެންދޫގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞޯލިޙް ފުލުހުންނާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ދައްކަވާފައިވާތީ އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ސްޕޯކްސް ޕަރސަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މިދިޔަ މަހުގެ ސާދަވަނަ ދުވަހު އިބްރާހީމް މުޙައްމަދު ޞޯލިޙް ނ.މާޅެންދޫގައި ވާހަކަދައްކަވަމުން ފުލުހުންނާ ގުޅޭގޮތުން ދައްކަވާފައިވަނީ ދޮގު ވާހަކަތަކެއްކަމަށެވެ.
އެގޮތުން ގައްލަންދޫ ކަނޑު ހުރަސްކޮށް ދަތުރުކުރި ދޯންޏެއް އަޑިއަށް ދާކަމުގެ ޚަބަރު ލިބުމާގުޅިގެން އެކަމަށް ފުލުހުންގެ އެއްބާރުލުން ލިބޭނީ ވަކި ފަރާތަކަށް ތާޢީދުކުރުމުންކަމަށް ފުލުހުން ބުނެފައިވާކަމަށް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަމަށް ފުލުހުން ބުނެއެވެ. ޝިފާން ވިދާޅުވީ ނ.މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞޯލިޙް ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭފަދަ ގޮތަކަށް ދެއްކެވި ވާހަކަތައް ތަޙުގީގުކުރަމުންދާކަމަށެވެ.
އަދި މިމައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށައެޅުމަށް ނިންމާފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ސްޕޯކްސް ޕަރސަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ މިމައްސަލަ ހިންގާ ދިޔަގޮތް މީޑިއާއާއި ހިއްސާކުރައްވާފައެވެ.
ފުލުހުން ބުނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މިހެން ވިދާޅުވެފައިވާއިރު މީއީ އެއްވެސް ޙާލެއްގައި ފުލުހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ރައްޔިތަކު އެކަމަށް އެދުމުން ފުލުހުން ޢަމަލުކުރަނެ ގޮތްނޫންކަމަށާއި މިކަން ހިނގާފައިވާ ގޮތް ފުލުހުން ބަލަމުންދާކަމަށް ޝިފާން ވިދާޅުވިއެވެ.