ޚަބަރު

ސިއްރުފެންފުށީގައި ބެހެއްޓި ބުދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި


ސިއްރުފެންފުށީގައި ބުދު ބަހައްޓާފައިވަނީ އެރިސޯޓުން ޓޫރިޒަމް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށާއި، ބަހައްޓާފައިވާ ބުދުތައް ނެގުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ސިއްރުފެންފުށީގައި ހަދާފައިވާ ކޮރަލް އޭރިއަމްގައިވާ އިންސާނުންގެ ސޫރަ ސިފަވާ ބުދުތައް ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ފުލުހުންގެ އިދާރާގައި އެދިފައިވާކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ކޮރަލްއޭރިއަމް ޤާއިމްކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ސިއްރު ފެންފުއްޓަށް ދީފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތަކާ ހުރި ގުޅުން ދައްކުވައިދިނުމަށް އިސްލާމްދީނުގެ އެއްވެސް އަސާސަކަށް ބުރުނާރާނެ ގޮތަކަށް އެތަން ފަރުމާކުރުމަށްކަމަށެވެ. އެހެންނަމަވެސް ސިއްރުފެންފުށި ރިސޯޓުން އެއްބަސްވުމާ ޚިލާފުވެ ދެފަރާތުން ވާހަކަދައްކައިގެން މައްސަލަ ޙައްލުނުވުމުން މިމައްސަލަ ޓޫރިޒަމް މިނިސްޓްރީން ފުލުހުންނަށް ހުށައަޅާފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މި ބުދުތައް ނެގުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭކަންކަން ފުލުހުން ފުރިހަމަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްރުފެންފުށީގައި އިންސާނުންގެ ސޫރަ ސިފަވާގޮތަކަށް ފަރުމާކޮށްފައިވާ ބުދުތަކެއް ބެހެއްޓިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމާގުޅިގެން އެބުދުތައް ނެގުމަށް ރައީސް އޮފީހުންވަނީ ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައެވެ.