ރައީސް މައުމޫނު ސަލާމަތްކުރަންކަމަށްބުނެ އެމަނިކުފާނުގެ ގާތް ބައެއް ބޭފުޅުން ވާހަކަ ދައްކަވަނީ ރައީސް މައުމޫނަށް ހެޔޮއެދިގެން ނޫންކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ދައުރުގައި ވަޒީރުކަންކުރެއްވި އެމަނިކުފާނާއި ގާތް ބޭފުޅަކު އެމްޑީޕީގެ ޕޯޑިއަމެއްގައި ދެއްކި ވާހަކަތަކަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ވިދާޅުވީ ކުރިން ހެދުނު ގޯސްތަކެއް ރަނގަޅުކުރުމަށް ކަމަށްބުނެ ވާހަކަދައްކަވާނަމަ، ރައީސް މައުމޫންގެ ވެރިކަމުގައި އެބޭފުޅުން ހެއްދެވި ގޯސްތައްވެސް ރަނގަޅުކުރަންޖެހޭކަމަށެވެ.
ރައީސް މައުމޫނާއި ގާތް ދެބޭފުޅުންކަމަށްވާ އައްބާސް އިބްރާހީމާއި އިލްޔާސް އިބްރާހީމްގެ ނަން ފާހަގަކުރަވައި ޢަބްދުއްރަހީމް ވިދާޅުވީ، މާޒީގައި އެބޭބޭފުޅުންގެ ފަރާތުން ފެނިފައިވާ ކަންކަމަށް ނަޒަރުހިންގާލާއިރު، ރައީސް މައުމޫނަށް ހެޔޮއެދިގެން އެމަނިކުފާނު ސަލާމަތްކުރަންކަމަށް ކަމެއްކުރާނެކަމަށް ނުބެލެވޭކަމަށެވެ.
"ރައީސް މައުމޫނު ސަލާމަތްކުރައްވާކަށް ނޫނޭ އެބޭފުޅުން އެއުޅުއްވަނީ، ރައީސް މައުމޫނަށް ހެޔޮއެދިގެން އެއްވެސް އިރެއްގައި އުޅުނު ބޭފުޅުންނެއްނޫން އެބޭފުޅުންނަކީ. ހަމަ ނަން ދަންނަވާލާފައި އަޅުގަނޑު ދަންނަވާލާނަން، އައްބާސް އިބްރާހިމް އާއި އިލްޔާސް އިބްރާހިމް ނޫންތޯ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަންވެގެން އުކުޅުވަޅުގައި ތެޔޮއުނގުޅައިގެން ފަންޑިތަ ހަދައިގެން ތަށި ތަވީދު ލިޔެގެން އުޅުނީ ކޮންބައެއްތޯ. ހަނދާން ހުންނާނެ ބިންބި ފޯސްގެ ނަމުގައި ފޯސް ހަދައިގެން ތަންތާ ހުޅުޖަހައި މީހުންގެ މުދަލަށްގެއްލުންދީ ހެދީ ރައީސް މައުމޫނަށް ހެޔޮއެދިވަޑައިގެންތޯ. ކިތައްފަހަރުތޯ މައުމޫނުގެ ވެރިކަން ބަދަލުކުރަން މަޖިލިސްތެރެއިންނާއި އެގޮތްމިގޮތަށް މަސައްކަތްކުރެއްވީ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު އެކަންކަން ރަނގަޅުކުރައްވަން ނުކުމެވަޑައިގަންނަންވީ މިއަދު ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް މައުމޫނަށް ހެޔޮއެދޭކަމަށް ބުނާއިރު، 2013 ވަނަ އަހަރު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނަށް ތާއީދުކޮށް ރައީސް މައުމޫނު ނުކުންނެވުމުން އޭރުވެސް އެމަނިކުފާނަށް ހެޔޮއެދޭކަމަށްބުނާ ބޭފުޅުންތިއްބެވީ ސިޔާސީ އެހެން ލީޑަރަކާއެކު ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައީސް މައުމޫނަށްއެހާ ހެޔޮއެދިވަޑައިގަންނަވާނަމަ ކީއްވެގެންތޯ ރައީސް މައުމޫނު ވަކި ކެނޑިޑޭޓަކު ގޮވައިގެން ނިކުމެ އަތޮޅުތަކަށް ދަތުރުކުރައްވާ، ޖަލްސާތަކުގައި ތިމަންމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅަކުވެއްޖެއްޔާ ޔާމީނަށް ވޯޓުދެއްވާށޭ ވިދާޅުވާއިރަށް އެބޭފުޅުން ގޮސް ކުނޫޒުގެ ޖަލްސާތަކާއި ރާއްޖޭގެ އެތަން މިތަނަށް ވަޑައިގެން ޤާސިމް އިބްރާހީމަށް ތާއީދުކުރައްވައިގެން ވާހަކަދެއްކެވި ހަނދާންވެސް މިރާއްޖޭގެ ރައްޔިތުން ހުންނާނޭ" ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބަޔަކަށް ޤައުމުގެ ޝަރަފުވެރިންތަކެއް ތާއީދުކުރާކަން ހާމަކުރުމާގުޅިގެން ރައީސް ޔާމީންވެސް އެކަމަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.