ޔޫރޭނިޔަމް ފައްކާ ކުރުމަށްޓަކައި މިހާރުވެސް 3000-4000 ދެމެދުގެ އަދަދެއްގެ ސެންޓްރިފިއުޖް މެޝިން ބޭނުންކުރަމުން ގެންދާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރްޖާނީ ވިދާޅުވީ އީރާނުން ނިއުކްލިޔަރ ޕްރޮގްރާމްގެ ބައެއް ހަރަކާތްތައް މަޑުޖައްސާލާފައިވާނަމަވެސް އެ ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށާއި، ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުން ރޫޅިއްޖެނަމަ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ކުރީގެ ހާލަތަށް އަނބުރާ ގެންނާނެކަމަށެވެ.
ޔޫރޭނިޔަމް ފައްކާ ކުރުމަށްޓަކައި ކުރިން ދިހަ ހާހާއި އެގާރަ ހާހާ ދެމެދުގެ ޢަދަދެއްގެ ސެންޓްރިފިއުޖް މެޝިން ބޭނުންކުރަމުން ދިޔަނަމަވެސް ނިއުކްލިޔަރ އެއްބަސްވުމަށް ފަހު އީރާނުން ވަނީ އެ އަދަދު މަދުކޮށްފައެވެ. އަދި އީރާނުން ކުރިން %20އަށް ޔޫރޭނިޔަމް ފައްކާކުރި ނަމަވެސް ނިއުކްލިޔަރ އެއްބަސްވުމަށް ފަހު އެ ނިސްބަތްވަނީ %5އަށް ދަށްކޮށްފައެވެ.
ނިއުކްލިޔަރ ހަކަތައާބެހޭ ބައިނަލްއަގްވާމީ އެޖެންސީ (އައި.އޭ.އީ.އޭ) އިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބެލުމަށްފަހު ނެރުނު ރިޕޯޓްގައި، ޔޫރޭނިޔަމް ފައްކާކުރާ ހައިޓެކް ސެންޓްރިފިއުޖް މެޝިން އުފައްދާ އިތުރު ކާރުޚާނާއެއް އީރާނުން ބިނާކޮށް ނިންމިކަން ވަނީ ހާމަކޮށްފައެވެ.