ފުރާތު ކޯރުން ސޫރިޔާގެ އިރުމަތީގައި އޮންނަ ސަރަހައްދުތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ތުރުކީވިލާތުން ފިޔަވަޅުތައް އަޅާނެ ކަމަށް އެގައުމުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން ވިދާޅުވީ، ސޫރިޔާގެ ދެކުނުގައި ވެސް ހަމަލާތައް ބަދަލުކުރުން މަނާ ސަރަހައްދުތައް ޤާއިމުކުރި ގޮތަށް ތުރުކީއިން އިރުމަތީގައި ވެސް ޤާއިމުކުރާނެ ކަމަށެވެ.
ސޫރިޔާގެ އިރުދެކުނުގެ ސަރަހައްދެއް ކަމަށްވާ އިދްލިބްގައި ސޫރިޔާގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުން ދިޔަ އިރު ރަޝިޔާއާ ތުރުކީވިލާތުން ބޭއްވި މަޝްވަރާތަކެއްގެ ނަތީޖާއެއް ގޮތުން މިވަނީ މި އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. އިދްލިބަކީ ސޫރިޔާގައި މިވަގުތު ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދާ އެންމެ ބޮޑު ސަރަހައްދެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ސޫރިޔާގައި ހިނގާފައިވާ އެކި އެކި ތަޅާފޮޅުންތަކުގައި އިދިކޮޅު ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުރި ސަރަހައްދުތައް އަސްކަރިއްޔާއިން އަނބުރާ ހޯދިއެވެ. އަދި މި ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ އިދިކޮޅު ހަނގުރާމަވެރިންގެ ގިނަ ބަޔަކު ވަނީ އިދްލިބްއަށް ބަދަލުވެފައެވެ.
އިދްލިބް އަލުން ހިފުމަށް ސޫރިޔާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތްކަން ހާމަކޮށް ބައެއް ސަރަހައްދުތަކަށް ހަމަލާ ދޭން ފެށިއިރު މި ހަމަލާތަކަށް ހުއްޓުމެއް އައީ އިދްލިބްގައި ހަމަލާތައް ބަދަލުކުރުން މަނާ ސަރަހައްދެއް ޤާއިމުކުރާނެކަން ތުރުކީވިލާތާ ރަޝިޔާއިން ހާމަކުރުމާ ގުޅިގެންނެވެ. އެ ދެ ޤައުމުން ރައީސުން ބޭއްވި މަޝްވަރާތަކަށް ފަހު ވިދާޅުވީ، އިދްލިބްގައި ޤާއިމުކުރި މި ސަރަހައްދުން ހައްދަފަހަނައަޅާފައިވާ ފިކުރުގެ ހަނގުރާމަވެރި ޖަމާޢަތްތައް، އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ރަށުން ފައިބަން ޖެހޭނެކަމަށެވެ.
ތުރުކީވިލާތުން މިވަނީ ސޫރިޔާގެ އިރުމަތީގައި ވެސް މިފަދަ ސަރަހައްދެއް ޤާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އދގެ ޢާއްމު މަޖިލީހުގައި ބައިވެރިވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ދެއްވި ތަޤްރީރެއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ސޫރިޔާގައި ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުތައް ގިނަވަމުންދާ ކަމަށާއި މީގެ ތެރޭގައި ފުރާތުކޯރުގެ އިރުމަތީގައި އޮންނަ ސަރަހައްދުތައް ވެސް ހިމެނޭކަމަށެވެ.
އަދި އެ ސަރަަހައްދުތަކުގައިވެސް ސޫރިޔާގެ އުތުރުގެ ސަރަހައްދުގައި ޤާއިމުކުރި ފަދަ ރައްކާތެރި ސަރަހައްދެއް ޤާއިމުކުރާނެކަމުގެ ޔަޤީންކަން އުރުދުޣާން ދެއްވިއެވެ.