ތުރުކީވިލާތުގެ އައު ބަޖެޓްގެ ސަބަބުން އެގައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ބޮޑެތި މައްސަލަތައް ހައްލުވެގެންދާނެކަމަށް ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން، ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައިގަނޑު މައްސަލަތަކަކީ އިންފްލޭޝަން މައްޗަށް ދިޔުމާއި ތުރުކީވިލާތުގެ ފައިސާކަމަށްވާ ލީރާގެ އަގު ދަށަށްދިޔުމާއި ބޭންކްތަކުގެ އިންޓްރަސްޓް ރޭޓްކަމަށް، އުރުދުޣާން ވިދާޅުވިއެވެ.
މިއީ ތުރުކީވިލާތުގެ އިގްތިޞާދު ހީނަރުކޮށްލާ މައިގަނޑު ތިން މައްސަލަ ކަމުގައި އުރުދުޣާން ސިފަކުރެއްވިއެވެ. އަދި ތުރުކީ ސަރުކާރުން ޕާލަމެންޓަށް ހުށަހަޅާފައިވާ އައު ބަޖެޓްގައި މި ތިން މައްސަލަ ހައްލު ކުރެވޭގޮތަށް ބަޖެޓް އައިޓަމްތައް ރާވާފައިވާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަނީ ރައީސް އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ކަމަށްވާތީ މި ބަޖެޓް ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ވަރަށް ފަސޭހައިން ފާސްވެގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.
ތުރުކީވިލާތުގެ ފައިސާކަމަށްވާ ލީރާގެ އަގު ދާދިފަހުން ދަށަށް ދިޔުމުން އެ ޤައުމަށް ވަނީ އިޤްތިޞާދީ މައްސަލަތަކެއް ކުރިމަތިވެފައެވެ.