ޚަބަރު

ކާމިޔާބުކަމާއި އެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ނިންމާލައިފި


ސާދަވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 36 ޤައުމަކުން 130 ކުންފުންޏެއް ވަނީ ބައިވެރިވެފައެވެ. ދަރުބާރުގޭގެ ހުރިހާ މާލަމެއް އެކުލެވޭހެން ބޭއްވި މިއެގްޒިބިޝަންގައި 162 ސްޓޯލްހުރިއިރު މީގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ރާއްޖެއާ ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނެއެވެ.

މިއަހަރުގެ އެގްޒިބިޝަނަށް ބޮޑު ތަރުހީބެއް އެގްޒިބިޝަނުގައި ބައިވެރިވި އަދި އެގްޒިބިޝަނަށް ޒިޔާރަތްކުރި މީހުންގެ ފަރާތުން ލިބުނުކަމަށް މިއެގްޒިބިޝަން އިންތިޒާމްކުރި ކުންފުނިކަމަށްވާ މޯލްޑިވްސް އެގްޒިބިޝަންގެ އެންޑް ކޮންފެރަންސް ސާރވިސަސް، މެކްސްގެ ޖެނެރަލް މެނޭޖަރ ހުސްނީ ރައުފް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

"މިއީ މިހާތަނަށް 14 އަހަރުގެ ތާރީހުގައި ހޮޓެލް އޭޝިޔާގެ އިވެންޓުގެ ތެރެއިން ބޭއްވުނު އެންމެ ކާމިޔާބު އެގްޒިބިޝަނޭ ބުނެވިދާނެ. ހުރިހާ ސްޓޯލަކުންވެސް ލިބުނު ބޮޑު ތަރުހީބު އަޅުގަނޑުމެނަށް ފެނިގެންދިޔަ. ދެން މިހާރު އޮތް އަނެއް ކަމަކީ ދެން އަންނަ އަހަރަކަށް މިއެގްޒިބިޝަންގައި ބައިވެރިވުމަށް އެދިފައިވާ ކުންފުނިތަކަށް ފުރުސަތު ދިނުމުގެ ގޮތުން ބޮޑު ވެނިއުއެއް ހޯދުން. ފެނިލެއްވިހެން މިފަހަރުވެސް ކިރިޔާ ދަރުބާރުގޭގައި ހުރިހާ ސްޓޯލެއް ބެހެއްޓުނީ. ވެއިޓްލިސްޓުގައިވެސް ގިނަ ބައެއް ތިބި، މީގައި ބައިވެރިވާން ބޭނުންވެފައިތިބި. ދަރުބާރުގޭގައި ބެހެއްޓެނީ އެންމެ 160 ސްޓޯލް. ތަންހަދައިގެން އަޅުގަނޑުމެން މިފަހަރު 162 ސްޓޯލް ބެހެއްޓިން. އެހެންކަމުން އުންމީދުކުރަން މިއަށްވުރެ ބޮޑު އެގްޒިބިޝަން ސެންޓަރެއް ލިބޭނެކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ މިއީ ދެކުނު އޭޝިޔާގެ ގިނަ ކުންފުނިތަކަށް ބައިވެރިވެވޭ ޕްލެޓްފޯމަކަށް ހެދުން." ހުސްނީ ރައުފް ވިދާޅުވިއެވެ.

އެގްޒިބިޝަންގައި ބައިވެރިވެ ޒިޔާރަތްކުރާ ފަރާތްތައް އެއް އަހަރުން އަނެއްއަހަރަށް އިތުރުވަމުންދާތީ މިއަންނަ އަހަރު މިފެއަރގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ފެއަރ ބޭއްވުމަށް މިއަށްވުރެ ބޮޑު އެގްޒިބިޝަން ސެންޓަރެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް މެކްސްއިން މައުލޫމާތުދެއެވެ.