ޚަބަރު

ޢާއިޝާ އަލް ރާބީގެ މަރުގެ މައްސަލައިގައި އިސްރާއީލަށް ފާޑުކިޔުން އަމާޒުވެއްޖެ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ނާބުލުސް ކިޔާ ރަށެއްގައި ފަލަސްޠީނުގެ އަންހެނަކަށް ޔަހޫދީ ވަޒަންވެރިން ދިން ހަމަލާ ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ކުށްވެރިކުރައްވައިފިއެވެ.

ޔަހޫދީ ވަޒަންވެރިންގެ މި ހަމަލާގައި ސާޅިސް ފަސް އަހަރުގެ ޢާއިޝާ ޢަލް ރާބީ ވަނީ ޝަހީދުވެފައެވެ. އޭނާ ޝަހީދުވެފައިވަނީ މި ހަމަލާގައި އޭނާގެ ބޮލަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޢައިޝާގެ އާއިލާއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ރައީސް ވިދާޅުވީ، މި އަނިޔާވެރި ހަމަލާދިން ޔަހޫދީ ވަޒަންވެރިންނަކީ ފަލަސްޠީނުގެ ބިމަށް އިސްތިޢުމާރުކޮށްގެން އުޅެމުންދާ ބާރުތަކުން ހިމާޔަތް ލިބިފައިވާ ބައެއް ކަމަށާއި މި ހަމަލާ ދިން ފަރެާތްތަކަށް ހައްޤު ޢަދަދު ލިބެން ޖެހޭނެކަމަށެވެ.

އައްބާސް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް މިފަދަ ހަމަލާތައް އަމާޒުވިނަމަވެސް ފަލަސްޠީނުގެ ބިން ރައްކާތެރިކޮށް ސަލާމަތްކުރުމުގައި ފަލަސްޠީނުގެ ރައްޔިތުން ސާބިތުކަމާ އެކު ދެމިތިބޭނެކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަަމަށް ކުރަމުންދާ މަސައްކަތްތަކުގައި ބަލިކަށި ނުވާނެކަމަށް ވެސް ފަލަސްޠީނުގެ ރައީސް ވިދާޅުވިއެވެ.

8 ކުދިންގެ މަންމައެއް ކަމަށްވާ ރާބީ ޝަހީދުކޮށްފައިވަނީ އޭނާގެ ފިރިމީހާއާއެކު ކާރެއްގައި ނާބުލުސްއަށް ދަތުރުކުރަމުންދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ އިސްރާއީލުގެ އަސްކަރީ ޗެކް ޕޮއިންޓެއްގެ ކައިރިން ކާރު ދަނިކޮށް ކާރާ ދިމާލަށް އުކި ގާތަކުގެ ތެރެއިން ގަލެއް ރާބީގެ ބޮލުގައި ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.