ޚަބަރު

ޓިވެކް އިން މިމަހު 28ގައި "ކެރިއަރ ޑޭ"އެއް ބާއްވަނީ


ބ.ކިހާދޫގައި ހުންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރ (ޓިވެކް)އިން މިމަހުގެ 28 ގައި "ކެރިއަރ ޑޭ" އެއް ބާއްވަން ނިންމައިފިއެވެ.

މަސައްކަތުގެ މާޙާއުލުގައި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ނަޒީފް ވިދާޅުވީ، "ކެރިއަރ ޑޭ"ގެ ނަމުގައި ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ޓިވެކްގެ ދަށުން ރިސޯޓްތަކާއި ކުންފުނިތަކުން ތަމްރީންވާ ދަރިވަރުންނަށް ވަޒީފާ ދިނުމަށް ބެނުންވެގެން ގުޅާތީ އެފުރުސަތު އެފަރާތްތަކަށް ފަހިކޮށްދިނުން ކަމަށެވެ. އޭރުން އެފަރާތްތަކުން ބޭނުންވާ ޒުވާނުން ވަޒީފާއަށް ގެންދިޔުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކެރިއަރ ޑޭ" މިމަހުގެ 28 ވަނަ ދުވަހު ބާއްވަނީ ހަމައެކަނި މިހާރު އެސެންޓަރުގައި ކިޔަވަމުންދާ 45 ދަރިވަރުންނަށެވެ. މިދަރިވަރުން މިހާރު ދަނީ މަސައްކަތުގެ މާހައުލުގައި، އިތުރު ތަމްރީން ހޯދުމަށް ރިސޯޓްތަކާއި ކުންފުނިތަކުގައި ޢަމަލީ ތަޖުރިބާ ހޯދާމުންނެވެ. ވަރަށް ގިނަފަރާތްތަކުން މިހާރުވެސް މިދަރިވަރުން ހޯދުމަށް ގުޅަމުންދާކަން ފާހަގަކުރައްވަމުން ނަޒީފް ވިދާޅުވީ މި ސެންޓަރުން ހިންގި ތިން ތިންކޯހެއް ކަމަށްވާ، ޑީސަލާއި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަންއާއި ރެފްރިޖަރޭޓަ މަރާމާތު ކުރުމުގެ ކޯސްތަކުގައި ޖުމްލަ 12 އަތޮޅެއްގެ 31 ރަށަކުން 45 ދަރިވަރުން ތަމްރީންވެފައިވާކަމަށެވެ.

އަދި މިމަހުގެ 31ވަނަ ދުވަހު މިކުދިންގެ ގްރެޖުއޭޝަން އޮންނާނެކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ކެރިއަރ ޑޭއެއް ބާއްވާނަމަ މުޅިއަތޮޅަށް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުން މައުލޫމާތުދެއެވެ.

ބ. ކިހާދޫގައި 23000 އަކަފޫޓްއަށްވުރެ ބޮޑު ބިމުގައި ޤާއިމްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަކީ ކޯސްޓަލް ފައުންޑޭޝަނުން ޤާތްގަޑަކަށް 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.

ދަރިވަރުން ހިލޭ ތިބުމަށް ސެންޓަރުގައި ދަނާލެއްވެސް ހަދާފައިވާއިރު ކެއުންވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. މީގެ އިތުރުން އެސެންޓާރުގައި 6 ކްލަސްރޫމްއާއި ކޮމްޕިއުޓަރ ލެބާއި ލައިބްރަރީގެ އިތުރުން ޕްރެކްޓިކަލް ބައި ހިންގާނެ ސަރަޙައްދަކާ ރެކްރިއޭޝަނަލް ސަރަޙައްދެއްވެސް ވަނީ ޤާއިމްކޮށްފައެވެ.