ރާއްޖެއިން ބޭރުގައި ހުންނެވި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީން ބުނީ ރައްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައީސް ނަޝީދަށް ތާޢީދުކުރާ ޢާއްމުރައްޔިތުންގެ އެދުމުގެ މަތިން އެމަނިކުފާނު އެނބުރި ވަޑައިގަންނަވާ ދުވަހު ހޫނު މަރުޙަބާއެއް ދެންނެވުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ހުޅުލެއާއި މާލެއާ ދެމެދު ކަނޑު އުޅަނދުތައް ބައިވެރިކޮށްގެން ޚާއްސަ ޙަރަކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެއެވެ. އެމްޑީޕީންބުނީ މިހާތަނަށް ވަރަށްގިނަ ރަށްރަށުން ބޮޑެތި ދޯނި ފަހަރާއި ކުދި ދޯނިތައްވެސް މިޙަރަކާތުގައި ބައިވެރިވެފައިވާން ނިންމާފައިވާކަމަށެވެ. އަދި މާލެއާއި ކައިރި ރިސޯޓުތަކުގެ ވޯޓަރ ސްޕޯޓްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ގުޅިގެން ތަފާތު ޙަރަކާތްތަކެއް މާލެއާއި ހުޅުލެއާ ދެމެދު ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތުމާ ގުޅިގެން ރައްޔިތުންނާ ބައްދަލުކުރުމަށް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ޚާއްސަ ޙަފްލާއެއް އެދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޕާޓިން ބުނެއެވެ. އަދި އެދުވަހުގެރޭވެސް ރަށްރަށުން މާލެއަންނަ ފަރާތްތަކުން އިންތިޒާމްކުރާ ތަފާތު ޙަރަކާތްތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެޕާޓީގެ ސްޕޯކްސް ޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިހާރު މިޙަރަކާތްތައް އިންތިޒާމްކުރުމުގެ މަސައްކަތްކުރަމުންދާއިރު ކަމާ ގުޅުންހުރި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ ކަންކަމާއި ސަލާމަތީކަންކަން ބެލުމަށް ފުލުހުންނާވެސް މަޝްވަރާ ކުރަމުންދާކަމަށެވެ.
މިޙަރަކާތަށް ޚާއްސަ ޓީޝާޓެއްވެސް ޑިޒައިންކޮށްފައިވާއިރު މި ޓީ.ޝާޓު ލިބޭނެ އިންތިޒާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖައްސައު އެކަން ހާމަކުރާނެކަމަށް އެމްޑީޕީން ބުނެއެވެ. ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.