ވޯލްޑް ޓްރެވަލް މާރޓް، ޑަބްލިއުޓީއެމްގައި ރާއްޖޭގެ ސްޓޭންޑެއް ބައިވެރިކުރުމުގެ އިތުރުންވެސް ރާއްޖެ އިސްތިހާރު ކުރުމަަށް ގިނަ ކަންތައްތަކެއް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
ވޯލްޑް ޓްރެވަލް މާރޓް، ޑަބްލިއުޓީއެމް 2018ގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް މަޢުލޫމަތުދިނުމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޕްރީ މީޓިންއަށްފަހު އެމް.އެމް.ޕީ.އާރު.ސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ކުރީގެ ތަޖުރިބާގެ އަލީގައި މިފަހަރުގެ ފެއަރގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން މި ފެއަރގައި ބަހައްޓާ ރާއްޖޭގެ ސްޓޭންޑުގެ ސައިޒް ބޮޑުކޮށްފައިވާއިރު، ޤައުމު އިޝްތިހާރުކުރުމަށް ސްޓޭންޑުގެ އިތުރުން ފެއަރ ބާއްވާ ތަނުގެ ބޭރުގައްޔާއި ފެއަރގައި ބޭނުންކުރާ ފަސް ހާސް ފާހުގެ ވާކޮޅުގައިވެސް ރާއްޖޭގެ އިސްތިހާރުތައް ހިމަނާނެކަމަށް ހާރިސް ވިދާޅުވިއެވެ.
"ޑަބްލިއުޓީއެމްގެ ހޯލުގެ ބޭރުގައި އަޅުގަނޑުމެންގެ މޯލްޑިވްސް ބްރޭންޑު އިންނާނެ އިޝްތިހާރުކުރެވިފައި. ދެން ފެއަރގައި ބޭނުންކުރާ ފާސް އަޅުވަން ބޭނުންކުރާ ވާގަނޑު އަޅުގަނޑުމެން ސްޕޮންސަރކޮށްފައި އިންނާނީ. އެހެންވީމަ މޯލްޑިވްސް ބްރޭންޑަޓް ވާކޮޅު މުޅިފެއަރގައި އެގްޒިބިޓާރޒް ބޭނުންކުރާނީ. މިދިޔަ އަހަރަށްވުރެ ސްޓޭންޑު ސައިޒްވެސް ބޮޑުވާނެ." ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ ފެއަރގައި ބަހައްޓާ ސްޓޭންޑުގައި ތަފާތުގޮތަކަށް ދިވެހި ރަހަތައް ދައްކާލުމުގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދާނެކަމަށެވެ. އަދި ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑުގައި ބިޒްނަސް މީޓިންތަކާއި ޕްރެސް ހަރަކާތްތަކާއި، ވަރޗުއަލް ރިއާލިޓީ ގިއަރ ބޭނުންކޮށް ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބަލާލެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާނެކަމަށެވެ. މިފަހަރުގެ ޑަބްލިއު.ޓީއެމް.ފެއަރގައި ރާއްޖޭގެ ސްޓޭންޑުގައި 64 ދިވެހި ކުންފުންޔަކުން 150ހަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ.
މިފަހަރުގެ ފެއަރގައި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާންއާއި ޑެޕިއުޓީ ސަފީރު އައިޝަތު އަޒީމާ އާއި އެމްއެމްޕީއާރުސީގެ އިސް ފަރާތްތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕިއާރުސީން ބުނެއެވެ.
ޑަބްލިއުޓީއެމް ފެއަރ ކުރިޔަށްދާނީ ނޮވެންބަރު މަހުގެ ފަހަކުން ހަތަކަށް ލަންޑަންގެ ވެސްޓަރން ގޭޓްވޭ، ރޯޔަލް ވިކްޓޯރިއާ ޑޮކްގެ އެކްސެލް ލަންޑަންގައެވެ.