ޚަބަރު

ރައީސް ނަޝީދަށް އައްޑޫސިޓީން ހޫނު މަރުޙަބާއެއް


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީއަށް ވަޑައިގަތުމުން އެސިޓީގެ ކުދިބޮޑު ރައްޔިތުންގެ ނިކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ ޢަލީ އައްޑޫސިޓީއަށް ވަޑައިގެންނެވީ ފްލައިމީގެ ޗާޓަރ ފްލައިޓެއްގައެވެ. އެމަނިކުފާނަށް އައްޑޫސިޓީން މަރުޙަބާ ދެންނެވީ އައްޑޫސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން އައްޑޫސިޓީގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްވެރިންނެވެ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އައްޑޫސިޓީއާއި، ފުވައްމުލަކުންވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އެއްވެފައެވެ.

ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީ އަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އައްޑޫގައި ރައީސް ނަޝީދުގެ އޮފީހެއްވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭއިން ބޭރުގައި އުޅުއްވުމަށް ފަހު ރައީސް ނަޝީދު މިމަހުގެ 1 ވަނަ ދުވަހު ރާއްޖެވަޑައިގަތުމުން މާލެސިޓީގެ އެތައްހާސްބަޔަކު އެއްވެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. އެމަނިކުފާނު އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެ ވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ.