ސިޔާސީ

ޢަމަން އަމާންކަން ޤާއިމްވެގެންނޫނީ ތަރައްޤީއެއް ނުގެނެވޭނެ-ރައީސް


ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރުން އެއީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ހާސިލް ކުރުމަށް މަގުފަހިކޮށްދިނުމުގެ ބިލެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުން މަތީ ފޮނަދޫ ބޮޑު މަގު ގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މަގުތަކުގައި މީހުންނަށް ޖިސްމާނީ އަނިޔާ ކުރުމުގައި ރާއްޖެ ވަނީ ހައްދުފަހަނަޅައި ގޮސްފައި ކަމަށާއި  ސަރުކާރުގެ އަމާޒަކީ އެކަންކަން ހުއްޓުވުމަކަށް ގެނައުން ކަމަށެވެ.ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރި ނަމަވެސް، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އޭގެ ނާޖާއިޒް ފައިދާ ނުނަގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ކިތަންމެ ހައްގުތަކެއް ލިބިދޭ ކަމަށާއި އެކަމަކު އެ ހައްގުތައް ލިބެނީ، އެހެން މީހުންގެ ހައްގުތަކަށް ހުރަސްނާޅާ ނަމަ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި  ޤައުމުގައި ޢަމަން އަމާންކަން ޤާއިމްވެގެން މެނުވީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީއެއް ނުގެނެވޭނެކަމުގައި ވިދާޅުވިއެވެ. އަދި، ބޭރުގެ އިންވެސްޓަރުން އައިސް ރާއްޖޭގައި މަސައްކަތްކުރުމުގެ ސަލާމަތާއި އަމާންކަން ‏‏ނެތީކަމަށްވަނީނަމަ ވިޔަފާރިއަށް ފަހި ޤާނޫނުތައް ހެދުމަށާއި، ބޭރުގެ ކުންފުނިތައް ޝަޢުޤުވެރިކުރުވަން ކުރާ މަސައްކަތްތައް ކާމިޔާބެއް ނުވާނެކަމުގައި ވިދާޅުވިއެވެ.