ޚަބަރު

އޭޝިއަން ބޭންކާޒް އެސޯސިއޭޝަންގެ 35 ވަނަ ޢާއްމު ބައްދަލުވުން ނިންމާލައިފި


އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާއްމު ބައްދަލުވުމާއި ކޮންފަރެންސް ނިންމާލައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދެ ދުވަހުގެ މުއްދަތަށް ބޭއްވި އޭބީއޭގެ އާއްމު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ ވައިސް ޗެއަރގެ މަޤާމަށް ރާއްޖޭގެ ޤައުމީ ބެންކް، ބީއެމްްއެލް ވަނީ ހޮވާފައެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ކޮންފަރެންސާ ބެހޭގޮތުން ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދަޅުވީ މިފަދަ ކޮންފަރެންސެއްގެ ސަބަބުން ރާއްޖޭގެ އަދި ސަރަހައްދީ ބޭންކިން ދާއިރާ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މިބައްދަލުވުމުގައި އޭބީއޭ ގެ ޗެއަރމަންގެ މަގާމު މިދައުރުގައި އަދާކުރެއްވި ޑެނިއަލް ވޫ ވަނީ މިއަހަރުގެ ކޮންފަރެންސްގެ ހާއްސަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

"މިއަހަރުގެ ކޮންފަރެންސް މިވަނީ ވަރަށް ޚާއްސަ ކޮންފަރެންސަކަށްވެފައި. މިއީ 1981 ވަނަ އަހަރު މި އެސޯސިއޭޝަން އުފެދުނީއްސުރެ ދިވެހިރާއްޖޭގައި ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރު. ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ވަރަށް ފުރިހަމައަށް މި ކޮންފަރެންސް ބާއްވާފައި. އެކަމަށްޓަކައި ބޭންކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. އަދި ކުރިއަށް ދެ އަހަރުގެ މުއްދަތަށް އޭބީއޭ ގެ ވައިސްޗެއަރގެ މަގާމް ލިބުނީތީ ވެސް ބީއެމްއެލް އަށް މަރުހަބާ ދަންނަވަން. އަދި ހަމަ މި ފުރުސަތުގައި ޗެއަރގެ މަގާމު ލިބުނު ސްރީލަންކާގެ ހެޓަން ނެޝަނަލް ބޭންކަށް ވެސް މަރުހަބާ ދަންނަވަން" ޑެނިއަލް ވޫ ވިދާޅުވިއެވެ.

އޭޝިޔާ ސަރަހައްދުގެ 25 ޤައުމަކުން 150 ތަޖުރިބާކާރުންނާއެކު ބޭއްވި ބައްދަލުވުމުގައި މިސަރަހައްދުގެ ބޭންކުތަކުން ހޯދަމުންދާ ކުރިއެރުންތަކާ، ދިމާވާ ދަތިތައް އަދި ބޭންކިންގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކާބެހޭ ގޮތުން މަޝްވަރާކުރިއެވެ. އަދި މިފަދަ އައު ޓެކްނޮލޮޖީ ތައަރަފްކުރުމުގައި ހުރިފައިދާތަކާއި ހުރި ބައެއް ގޮންޖެހުންތަކާބެހޭ ގޮތުންވެސް މަޝްވަރާކުރިއެވެ.

މިއަހަރުގެ އޭބީއޭ ކޮންފަރެންސްގެ ޝިއާރަކީ "ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" އެވެ.

މިކޮންފަރެންސް އިންތިޒާމްކޮށް ބާއްވައިފައިވަނީ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއިރު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު މާލީ ދާއިރާގެ ހަރުދަނާކަމާ އަދި އެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާކުރިއެވެ.