ޚަބަރު

ފަސްޓް ލޭޑީ ފަޒްނާގެ ޚާއްސަ ހެދުންކޮޅު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަކީ އެތައް ގޮތަކުން ތަފާތު ކުލަގަދަ ރަސްމިއްޔާތެކެވެ. ޢިއްޒަތްތެރިނާއި ޢާއްމުންވެސް ރަސްމީ ހެދުމުގައި ޙާޒިރުވި މި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ހެދުންތަކުގެ ތެރެއިންވެސް އެންމެ ޚާއްސަ ތަފާތު ހެދުންކޮޅެއް ތުރުކުރައްވައިގެން ރަސްމިއްޔާތަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ ޢަހްމަދެވެ.

ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރެއިން އެންމެ ހިތްގައިމު ޚާއްސަ ހެދުންކޮޅެއްގައި ރަސްމިއްޔާތަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ ޢަހްމަދެވެ.

އެކަމަނާ ތުރުކުރެއްވީ ދިގުހެދުމެކެވެ. އެހެންނަމަވެސް އެހެން ދިގުހެދުންތަކާ އެދިގުހެދުން މާބޮޑަށްވެސް ތަފާތުވެފައި ޚާއްސައެވެ. އެއީ މި ރަސްމިއްޔާތަށް ޚާއްސަކޮށްގެން ޑިޒައިންކޮށްފައިވާ ފިތިގަނޑަކުން ފަހާފައިވާ ހެދުމެކެވެ. ހެދުމުގެ ޑިޒައިންނާއި ފޮތިވެސް ޚާއްސަކުރީ ރައީސް ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

ޖަޒީރާ ރާއްޖޭގެ ކުލަތަކާއި ތަރިކަ ދައްކުވައިދޭ މި ޚާއްސަ ހެދުންކޮޅު ފަހާފައިވާ ފޮތި ޑިޒައިންކޮށްފައިވަނީ ލައިފް ސްޓައިލް ބްރޭންޑެއް ކަމަށްވާ އައިލެންޑު ބާޒާރުންނެވެ. މިފޮތިގަނޑުގައި ހުރި ޑިޒައިނުން ދައްކުވައިދެނީ ރާއްޖޭގެ އިހުގެ ހިރިގަލުގެ ޢިމާރާތްތަކުގައި ހުންނަ ހިރިގާ މަތިވަޑާމުން ފެންނަ ކުރެހުންތަކެވެ. މި ހުނަރުވެރި ކަވި މަސައްކަތަކީ އައިލެންޑް ބާޒާރުގެ ކޯފައުންޑަރ ޢުމުރުން 35 އަހަރުގެ ފާތިމަތު ސަލާހް (ކޮކީ)ގެ ހުނަރެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ މިހެދުމުގެ ފޮތީގެ ޑިޒައިނުން ފެނިގެންދާނީ ރާއްޖޭގެ ރަށްތައް މަތިން ބަލާލާއިރު ފެންނަ ގޮތް ސިފަކޮށްދޭ މަންޒަރުތައްކަމަށެވެ. އަދި ހެދުމުގެ ފޮތިގަނޑު ތައްޔާރުކުރަން މުޅިއެކު ތިން ހަފްތާއެއްހައި ދުވަސް ހޭދަވިކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚާއްސަ ހެދުންކޮޅު ފަހާފައިވަނީ ދިގުހެދުމާ މިފަދަ ދިވެހިހެދުން ފެހުމުގައި މަޝްހޫރު ބޭފުޅެއްކަމަށްވާ ސަކީނާކަމަށް ފާތިމަތު ސަލާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޝަރަފުވެރި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެންމެފުރަމަ ވަރަށް ހާސްވިކަމަށެވެ. ނަމަވެސް ހެދުން ޑިޒައިންކުރުމުގެ ކުރިން މިކަމާބެހޭ ގޮތުން މަޝްވަރާކުރަން ރައީސްގެ އަނބިކަނބަލުން އޭނާއާ ބައްދަލްކުރެއްވުމުން އެކަމަނާގެ ހިތްޕުޅުހެޔޮކަމާއި ޚުލްޤުފުޅު ހެޔޮކަން އެނގިވަޑައިގަތުމުގެ ސަބަބުން މިމަސައްކަތްކުރަން ހިތްވަރު ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.
ފާތިމަތު ސާލާހް އަކީ ބައި ޕްރޮފެޝަން އިންޓީރިއާ ޑިޒައިނަރެކެވެ. ނަމަވެސް ފިރިކަލުންނާއެކު އަމިއްލަ ޑިޒައިންތައް ހިމެނޭ އައިލެންޑް ބާޒާރުގެ ބްރޭންޑް 2015ގައި ލޯންޗުކުރީ އާރޓިސްޓިކް ތަކެތި އުފެއްދުމަށް ހުންނަ ލޯބި ބޮޑުކަމުންކަން އޭނާ ފާހަގަކުރިއެވެ.