ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އައްޔަނުކުރައްވާފައިވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއާ ދެކޮޅަށް އަނެއްކާވެސް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ސްރީލަންކާގެ ރައީސް ގޮވާލައްވައިފިއެވެ.
އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޮޑުވަޒީރު ކަމަށް އައްޔަނުކުރެއްވި ރާޖަޕަކްސައާ ދެކޮޅަށް ޤާނޫނުހަދާ މަޖިލީހުގައި މީގެ ކުރިން ނެގި ދެ ވޯޓުގައިވެސް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީއިން ވޯޓުދީފައިވަނީ ރާޖަޕަކްސާގެ އިތުބާރު ނެތްކަމަށެވެ. ސްރީލަންކާގެ ސަރުކާރަށް އެ ޤައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ މިދިޔަ މަހުގެ ފަހުކޮޅު ގެންނެވި ބަދަލުގެ ސަބަބުން ސްރީލަންކާ މިވަނީ ސިޔާސީ ކޯޅުމެއްގެ ތެރެއަށް ވެއްޓިފައެވެ.
ސްރީލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ފެށުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެ ޤައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ އެ ޤައުމުގެ ބޮޑު ވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރަނިލް ވިކްރަމްސިންގްހް މަޤާމުން ދުރުކުރެއްވުމަށްފަހު އެ މަޤާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސެވުމެވެ. މި ކަމަށް ސިރިސޭނާ މަޤުބޫލު ސަބަބެއް ދެއްވާފައި ނުވާއިރު ވިކްރަމްސިންހަ ވިދާޅުވަމުންދިޔައީ މިއީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަމަށެވެ.
އެއަށް ފަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ އަދި މަޖިލީސް އުވާލެއްވުމަށްވެސް ސިރިސޭނާ ނިންމެވި އިރު މި މައްސަލައިގެ ތެރެއަށް ސްރީލަންކާގެ ސުޕްރީމް ކޯޓު ވަދެ ވަނީ ޤާނޫނު ހަދާ މަޖިލީސް އުވާލުން ހުއްޓުވާފައެވެ. އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ރާޖަޕަކްސައާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައިވާއިރު ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީއިން ދެފަހަރުވެސް ވޯޓު ދީފައިވަނީ ރާޖަޕަކްސައާ ދެކޮޅަށެވެ.
އެންމެ ފަހުން ހުކުރު ދުވަހު ނެގި ވޯޓު ނެގުމުގެ ކުރިން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ވަރުގަދަ ހަމަނުޖެހުންތައް ހިންގިއިރު ރާޖަޕަކްސައަށް ތާއީދުކުރާ މެމްބަރުން ވަނީ މިކަމާ ގުޅޭ ޤަރާރު އިއުލާނުކުރުން ހުއްޓުވުމަށް ޤާާނޫނު ހަދާ މަޖިލީހުގެ ރައީސްއަށް ގިނަ ހުރަސްތައް އަޅާފައެވެ.
ސްރީލަންކާގެ ރައީސް ސިރިސޭނާ ވަނީ ކުރިން ނެގި ދެ ވޯޓުގެ ނަތީޖާވެސް ޤަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ތިން ވަނަ ވޯޓެއް ނެގުމަށް ސިރިސޭނާ މިހާރު މިވަނީ ގޮވާލައްވާފައެވެ. ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާޖަޕަކްސާއާ ދެކޮޅަށް ދެން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުގައި ވޯޓުގެ ކަންކަން ހިންގާގޮތް އިލެކްޓްރޯނިކް ސްކްރީން މެދުވެރިކޮށް ހުރިހާ ފަރާތަކަށް ފެންނަ ގޮތަށް ހުންނަން ޖެހޭނެކަމަށެވެ.
ސިރިސޭނާ ވަނީ އާދިއްތަ ދުވަހު ސްރީލަންކާގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސިޔާސީ ޕާޓީތަކުން ވަނީ ހޯމަދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ އަލުން ބާއްވާއިރު އެއްވެސް ހަމަނުޖެހުމަކާ ނުލައި، އޮމާންކަމާއެކު ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް އެއްބަސްވެފައި ކަމަށްވެސް ސިރިސޭނާގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހޯމަދުވަހު ނަގާ ވޯޓުގައިވެސް ރާޖަޕަކްސާއަށް ރުހުން ނުލިބިއްޖެނަމަ ބޮޑުވަޒީރު ކަމުގެ މަޤާމަށް ވިކްރަމްސިންހަ އަނެއްކާވެސް އައްޔަނުކުރައްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ސްރީލަންކާގެ ސަރުކާރުން މިކަމާ ބެހޭގޮތުން އަދި ކަނޑައެޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.