ޚަބަރު

އައި.ޑީ ކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި


އައި.ޑީ ކާޑުގެ މުއްދަތު ހަމަވިޔަސް، އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އާސަންދަ ކުންފުނިން އަންގައިފިއެވެ.

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް އާސަންދަ ކުންފުނިން ފޮނުވާފައިވާ ސާކިއުލާގައި ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީނަމަވެސް އާސަންދައިގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މީގެކުރިން އާސަންދައިގެ ޚިދުމަތް ލިބެނީ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ނުވާ ފަރާތްތަކަށް އެކަންޏެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޮޑެތި ތަކުލީފުތައް ވަނީ އުފުލަންޖެހިފައެވެ.

އައިޑީ ކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހަމަޖައްސަވާދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.