ޚަބަރު

ސޫރިޔާގައި ވިހަ ގޭހުން ދިން ހަމަލާގެ ޒިންމާ ނަގާނެ ފަރާތެއް ނުވި


ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވިހަ ގޭސް ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ކުރި ރިޕޯޓު، އިދިކޮޅު ފަރާތްތަކުން ދޮގުކޮށްފިއެވެ. ސޫރިޔާގެ ޙަލަބުގައި ދިން، މި ވިހަ ގޭހުގެ ހަމަލާގެ ސަބަބުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ސަތޭކައަށް ވުރެ އިތުރުވެފައެވެ.

ގޭހުގެ އަސަރު ކުރި މީހުންނަށް ފަރުވާ ދީފައިވަނީ ނޭވާލާން އުނދަގޫ ވެގެން ކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. ހަލަބްގައި ހުންނަ ހޮސްޕިޓާތަކުން ބުނެފައިވަނީ ގޭހުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދީފައިވާ ކަމަށެވެ. ފަރުވާދިން ފަރާތްތަކުން ބުނެފައިވަނީ މި މީހުންނަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ ކޮން ކަހަލަ ގޭހެއްކަން ޔަޤީން ނުވާކަމަށެވެ.

މި ހަމަލާ ދީފައިވަނީ އިދިކޮޅު ނޭޝަނަލް ލިބަރޭޝަން ފްރަންޓުން ކަމަށް ސަރުކާރުން ތުހުމަތުކުރާނަމަވެސް، އެ ޖަމާޢަތުގެ ލީޑަރު ޢުމަރް ހުޘައިފާ ވަނީ، އެ ހަމަލާ ދިނީ އެން.އެފް.އެލް އިން ނޫންކަމަށް ބުނެފައެވެ. ހުޘައިފާ ވިދާޅުވެފައިވަނީ އެ ޖަމާޢަތުގެ މިލްކިއްޔާތުގައި އެފަދަ ކެމިކަލް ހަތިޔާރު އަދި ވިހަ ގޭސް ނުވާކަމަށެވެ. އަދި މިއީ ޣައުޠާ އާއި ޚާން-ޝައިޚޫން ފަދައިން ސަރުކާރުން ހަލަބުގައި ހިންގި ޖަރީމާއެއް ކަމަށް ހުޘައިފާ ބުންޏެވެ. އަދި މި ފަހަރުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނު ހުންނާނޭ ކަމަށް، އޭނާ ބުންޏެވެ.

2011 ވަނަ އަހަރުއްސުރެ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ތަކުރާރުކޮށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިފަދަ ހަތިޔާރު ބޭނުންކޮށްފައިވާކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.