ޚަބަރު

މުއްދަތުވެސް ހަމަވި ޕާސްޕޯޓާއެކުނޫނީ އިންޑިއާއަށް ނުދެވޭނެ


ޕާސްޕޯޓު އާ ކުރުމަށްފަހު އިންޑިއާއަށް ދަތުރު ކުރާނަމަ އެންމެ ފަހުން އެގައުމަށް ދަތުރު ކުރުމަށް ބޭނުންކޮށްފައިވާ ޕާސްޕޯޓު ހިފައިގެން ދަތުރު ކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން
އެދިވަޑައިގެންފިއެވެ.



އެ
ޑިޕާރޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވެފައިވާ ބައި-ލެޓަރަލް އެގްރީމަންޓްގައިވާ ގޮތުން ދިވެހިންނަށް އިންޑިއާގައި ޗުއްޓީ ހޭދަކުރެވެނީ ކޮންމެ ހަ މަހަކުން ނުވަދިހަ
ދުވަހުއެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި
ނުވަދިހަ ދުވަސް ހަމަވެއްޖެނަމަ ދެން އެ ގައުމުގައި ހުރެވޭނީ ވިސާ ލިބިގެންކަމަށް
މިބަޔާނުގައިވެއެވެ.



ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ
ނުވަދިހަ ދުވަހުގެ މުއްދަތު ހަމަވާފަހުން ވިޒާ ނުޖައްސާ ދިއުމުން އިންޑިޔާއަށް
އެތެރެނުކޮށް ފޮނުވާލަމުންދާކަމަށާއި ވިސާއާ ނުލައި އިންޑިއާގައި ހުރުމުގެ މުއްދަތު ހަމަވެފައިވާ މީހަކު އެ ގައުމަށް ގެންދާ އެއާލައިންތައް ޖޫރިމަނާ ކުރަން ފަށާފައިވާ
ކަމަށެވެ.



އެ
ޑިޕާޓްމަންޓް ބުނީ މިފަދަ ފަސިންޖަރަކު އިންޑިޔާއަށް ގެންދިއުމުން
އެއަރލައިންތަކުން ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުކަމުން ދިވެއްސަކު
އާ ޕާސްޕޯރޓެއްގައި އިންޑިއާއަށް ދާނަމަ އެންމެ ފަހުން ބޭނުން ކުރި ޕާސްޕޯޓް އެއާލައިން ޗެކިންކޮށްދޭ ވަގުތު ކައުންޓަރަށް ދައްކަންޖެހޭނެ ކަމަށެވެ.
އަދި އެންމެފަހުން ދަތުރުކުރި ޕާސްޕޯޓް ނެތް ފަރާތްތައް އިންޑިއާއަށް ގެންދިއުމަށް އެއާލައިންތަކުން އުޒުރުވެރިވާކަމަށްވެސް އިމިގްރޭޝަނުން
ބުނެއެވެ.



އެހެންކަމުން ޕާސްޕޯޓު އައު ކުރުމަށްފަހު އިންޑިއާއަށް ދަތުރުކުރާނަމަ، އެންމެ ފަހުން އިންޑިއާއަށް ދިއުމަށް ބޭނުންކުރި ޕާސްޕޯޓް ހިއްޕަވައިގެން ދަތުރު ކުރުމަށް
އެ ޑިޕާރޓްމަންޓުން އެދެއެވެ. އެންމެފަހުން ދަތުރުކުރި ޕާސްޕޯޓް ނެތް ފަރާތްތަކަށް އިންޑިއާއަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޕާސްޕޯޓް އާ ކުރުމުގެ ކުރީން ދަތުރު ކުރުމަށް ބޭނުންކުރި ޕާސްޕޯޓްގެ މައުލޫމާތު ހިމެނޭ ރަސްމީ ލިޔުން އިމިގްރޭޝަނުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް
އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.