ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރަމުންދާތީ ފަރުކޮޅުފުއްޓާއި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓާ ދެމެދު އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފިއެވެ.އެ ސަރަހައްދުން ދަތުރުކުރުން މަނާކޮށް ޓްރާންސްޕޯޓް އޮތޯރިޓީ ބުނީ ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކޮންނަ ބޯޓު ވެލި ހިފައިގެން ކައިރި ކުރުމަށް ފަރުކޮޅުފުށީ ފަޅުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ރޭޑިއަސްގައި ބައިމޭލު ހިމެނޭ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، ހިއްކުމުގެ މަސައްކަތް ނިމި، ބޯޓު ފުރުމާ ހަމައަށް ފަރުކޮޅުފުއްޓާއި ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓާއި ދެމެދުގައި އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައިވާ ކަމަށެވެ.އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލެ ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރާއިރު ފަރުކޮޅުފުއްޓާއި ދިމާލުން ދުއިސައްތަ ސާޅީސް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރި ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް ކުންފުނިންނެވެ. ހުޅުމާލެ ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ކޮންނަ ބޯޓު ބޭނުން ކޮށްގެންނެވެ.