ރައީސުލްޖުމްހޫރިއްޔާ ގާނޫން އަސާސީއާއި ޚިލާފްވެފައިވާކަމަށް އެމްޑީޕީގެ ލީޑަރުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށާއި އެކަމުގައި ހަގީގަތެއްވާނަމަ އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ގާނޫން އަސާސީއާއި ޚިލާފްވެފައިވާކަމަށްވާނަމަ އެކަން ހުށަހަޅުއްވާނެ ޝަރުއީ ކޯޓްތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި ރައީސް ޚިލާފްވެވެވަޑައިގެންފައިވަނީ ގާނޫން އަސާސީގެ ކޮންމާއްދާއަކާއިކަންވެސް ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެކަމަށް މުއާޒް ވިދާޅުވިއެވެ.މުއާޒް ވިދާޅުވީ އެމްޑީޕީގެ ލީޑަރ ރައީސް ޔާމީނަށް ތުހުމަތުކުރައްވާއިރު ޚުދު ނަޝީދަކީ ގާނޫން އަސާސީ ހިމާޔަތްކުރަން ނުކުޅެދިވަޑައިގެންނެވި ބޭފުޅެއްކަން އެންމެންނަށް އެގޭކަމަށެވެ.އިދިކޮޅު ލީޑަރަކު ސިޔާސީގޮތުން ދިމާކުރައްވާކުރެއްވުމަކަށް ރައީސް ޔާމީން ކޮންމެހެން ރައްދުދެއްވަން ބޭނުންފުޅު ނުވާކަމަށާއި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސިޔާސީގޮތުން ދިމާކުރާ ދިމާކުރުމަކުން ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއަކަށް ހުއްޓުމެއް ނާރާނެކަންކަމަށް މުއާޒް ވިދާޅުވިއެވެ. ރައީސް ދެމިހުންނަވާނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ މަތީގައިކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.