ހުޅުމާލެ ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ 240 ހެކްޓަރުގެ ބިން ތަރައްޤީކުރާނެ ގޮތުގެ ޕްލޭން އެޗްޑީސީން އާންމު ކޮށްފިއެވެ.އެޗްޑީސީން މިއަދު ނޫސްވެރިންނަށް ދައްކާލި ހުޅުމާލޭ ދެވަނަފިޔަވަހި ތަރައްޤީކުރާގޮތުގެ މޮޑެލްގައި ވާގޮތުން ދެވަނަ ފިޔަވަހީގެ ބިން ޚާއްސަކުރެވިގެންދާނީ ޒުވާނުންނާއި ފަތުރުވެރިކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި ހުޅުމާލޭގެ ބައެއްގެ ގޮތުގައި ހިމެނިގެންދާ ފަރުކޮޅު ފުށި ތަރައްޤީ ކުރެވޭނީ ޓުއަރިސްޓުންނަށް ޚާއްސަ ހެރިޓޭޖް ރަށެއްގެ ގޮތުގައެވެ. އަދި ހުޅުމާލޭގެ ކަނޑުތޮށި ކައިރިން ހިއްކާ ސަރަހައްދު ސަފާރީ އާއި ޔޮޓްފަހަރު ބަނދަރު ކުރެވޭގޮތަށް ތަރައްޤީކުރަން ވަނީ ނިންމާފައެވެ. އެގޮތުން ޔޮޓްމެރީނާގައި އެއްފަހަރާ 300 އުޅަނދަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.މީގެ އިތުރުން އެސަރަހައްދުގެ ބޭރަށް ކްރޫޒް ޝިޕް ގާތްކުރެވޭނެ ހެން ކްރޫޒް ޝިޕް ބަނދަރެއް ތަރައްޤީ ކުރުމަށްވެސްވަނީ ނިންމާފައެވެ. އަދި ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގެ ތެރެއަށް މޮނޯރޭލް ތައާރަފް ކޮށް މޮނޯރޭލް ސްޓޭޝަނެއް ދެވަނަ ފިޔަވަހި ތެރޭ ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރެވިގެންދާނީ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިމާ ދެމެދު ފަންސާސް މީޓަރުގެ ވޯޓަރ ވޭއެއް ބޭއްވުމަށް ފަހު ކަމަށް އެޗްޑީސީން ބުނެއެވެ.އެޗްޑީސީން މިއަދު ދައްކާލި މޮޑެލްގައި ވާގޮތުން ފުރަތަމަފިޔަވަހީގެ ބިމާއި ދެވަނަ ފިޔަވަހީގައި ހިއްކޭބިން ގުޅާލާނީ ބްރިޖް މަގު ތަކެއްގެ އެހީގައި ހަތަރު ދިމާއަކުންނެވެ.